އަޅުގަނޑުމެން މިތިބީ ތައްޔާރީ ހާލަތުގައި: ޕޮލިސް/ އެމްއެންޑީއެފް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނަ މި ނާޒުކު ވަގުތުގެ ފައިދާ ނަގަން ބައެއް މީހުން މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ފުރުސަތެއް ނުދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ސަލާމަތީ ބާރުތަކުން މިރޭ ބުނެފި އެވެ.


ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ދެ މަހެއްގާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެސް އެ ކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސީދާ ޓެރަރިޒަމްގެ ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަކަށް ދެންނެވޭކަށް ނެތް ކަމަށް ވިދާޅުވި އެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް، މި ދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނަގައި، ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ނެޓްވޯކުތައް ގުޅިގެން ކުށްތައް ހިންގަމުންދާތީ އެކަމާ މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި އެ ފުރުސަތެއް ނުދޭނެކަމަށް ސީޕީ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަމާއެކު، ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމާބެހޭ އިދާރާތަކުން އަންނަނީ ހަރުކަށި ފިކުރުގެ މީހުންނާ ކުރިމަތިލައި އެ ފިކުރު ނައްތާލަން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ދައުރު އަދާކުރަމުން އަންނައިރު، ސަލާމަތީ ހިދުމަތްދޭ ފަރާތްތައް ބަލިކޮށްލެވޭނެ ކަމަށް ބައެއް ފަރާތްތަކުން ހީކުރެވުނަސް އެކަން އެހެން ނުވާނެ ކަމުގެ ޔަގީންކަން، ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ސީޕީ ވަނީ ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ މި ދުވަސްވަރު، އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތަކެއް ވެސް ފާހަގަވެފައިވާ ކަމަށެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި އެކި ނަން ނަމުގައި މީހުންނަށް ގުޅައި ފައިސާ ހޯދަމުން ދިޔަ 35 ސިމް ކާޑެއް މާފުށީ ޖަލުން ހޯދާފައިވާ ކަމަށާއި އެ ޖަލުގައި މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުގައި، އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ތުހުމަތުގައި 150 ސިމް އަތުލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތުކަމާއެކު، ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން،" ހަމީދު ވިދާޅުވި އެވެ.

"މި ހުރިހާ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެއް. މި ދަނޑިވަޅުގައި ވެސް އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީންކަމަކީ، އަޅުގަނޑުމެންގެ ވަރަށް ގިނަ ވަސީލަތްތަކެއް ހަގީގަތުގައި މި ހުރީ ކޮވިޑް-19 އަށް މި ލެވޭ އެފޮޓްގައި، މާލޭގައި ވެސް އަތޮޅުތެރޭގައި ވެސް ކަރަންޓީން ފެސިލިޓީތަކުގައި، އައިސޮލޭޝަން ފެސިލިޓީތަކުގައި އަދި އެހެން ވިއަސް އަޅުގަނޑުމެން ދެން ހުރި މަސައްކަތްތަކަށް ރިޑައިރެކްޓް ކުރާނަން އިތުރު އެފަޓާ އެކީގައި. ދެ މުއައްސަސާ ގުޅިގެން، ވަރަށް ގާތުން މަސައްކަތްކޮށް ގައުމު ރައްކާތެރިކަން ދަމަހައްޓަން އެއީ ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީންކަމަކީ،" ސީޕީ ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިފައިވާ މި ދަނޑިވަޅުގައި އެއްވެސް ގޮތަކުން ނާޖައިޒް ފައިދާ ނަގަން ފުރުސަތެއް ނުދޭނެ ކަމަށެވެ. މިހާރު ވެސް، ނޭޝަނަލް ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

އދ. މަހިބަދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ރޭ އަލިފާން ރޯވި މައްސަލައާ ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ، އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އެހެންވެ މިކަހަލަ ވަގުތެއްގައި ނާޖާއިޒު ފައިދާއެއް ނަގައިގެން ގައުމީ ސަލާމަތަށް ގެއްލުންވާ ކަހަލަ ކަމެއް ކޮށްގެން ނުވާނެ ކަމަށައި އެފަދަ ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.