ކުޑަކުދިންނަށް ރަނގަޅު ތައުލީމެއް ދީ އެކުދިންނަކީ ގައުމު ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް މެލޭޝިޔާގައި ބާއްވާ "ޕާމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓްމޯރޯ"ގައި ތަގުރީރު ކުރައްވަމުން ފަސްޓް ލޭޑީ ވަނީ އަމާންކަމާއި ފާގަތިކަން ހާސިލްކުރަން ގައުމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާ ބައްޓަން ކުރެވިފައިވާ ގޮތުގެ މައްޗަށް ވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވައިފަ އެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ރާއްޖޭގައި ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އަލިއަޅުއްވައިލެއްވި އެވެ.
މިއީ މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރުގެ އިސްނެންގެވުމާ އެކު، ކުޑަކުދިންގެ ތަރައްގީއަށާއި ކުރިއެރުމަށް އެކި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށާއި އެ ކަންތައް ހަރުދަނާ ކުރަން އެކި ގައުމުތަކުގެ މާހިރުން އެއް ތަނަކަށް އެއްވެ މަޝްވަރާކުރަން ބާއްވާ ކޮންފަރެންސެކެވެ.