އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ވަގުތީ ނަރުހުން ހޯދަނީ

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ވަގުތީ ނަރުހުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.


ހިތަދޫގައި ހެދި ކުރީގެ ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ ޓާޝަރީ ހޮސްޕިޓަލަށް މި ވަގުތު ބޭނުންވެގެން ހޯދަން އިއުލާންކޮށްފައި ވަނީ 10 ނަރުހުންނެވެ. މި ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ ނަރުހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އޭއީއެޗުން ހޯދަން އިއުލާންކުރި ވަގުތީ ކްލިނިކަލް ނާސް/ސީނިއާ ރެޖިސްޓާޑް ނާސް އަދި ރެޖިސްޓާޑް ނާސްގެ މުއްދަތަކީ ތިން މަސް ދުވަހެވެ. މި މަގާމުތަކުގެ މުސާރަ އުޅެނީ 9،060ރ. އާއި 10،940ރ. އާ ދެމެދުގަ އެވެ.

އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 188ރ. ލިބޭނެ އެވެ.

އޭއީއެޗުން ބުނީ ނަރުހުންގެ މަގާމުތަކަށް ކުރިމަތިލާ މީހުން ޝޯޓްލިސްޓްކޮށް، އިންޓަވިއު އަށް ކިޔާނީ ފެންވަރަށް ބަލައި އެންމެ މަތިން މާކްސް ހޯދާ މީހުން ބަލައިގެން ކަމަށެވެ. އަދި އިންޓަވިއު އޮންނާނީ މި މަހުގެ 28 ގަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން އޭއީއެޗުން ހިދުމަތް ދެމުން އަންނަ އިރު، އެ ހޮސްޕިޓަލްގައި މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ 83 ނަރުހުންނެވެ.

ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފުއް ސާދާތު ވިދާޅުވީ ނަރުހުން ހޯދަން އިއުލާންކުރީ މި ވަގުތަށް ވެސް ނަރުހުންގެ ދަތިކަން ހުރުމާ އެކު، ކުރިން ވެސް ނަރުހުންތަކެއް ހޯދަން ކުރަމުން ދިޔަ މަސައްކަތުގެ ދަށުން ކަމަށެވެ.