ކަރަންޓީން ފެސިލިޓީތައް ހަދަން ޗައިނާ އިން 100 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސާމާނު ދީފި

ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ހަދާ ކަރަންޓީން ފެސިލިޓީތަކުގެ މަސައްކަތައް ޗައިނާގެ ކުންފުނިތަކުން 100 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސާމާނު ދީފައިވާ ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.


ސަފީރު ޖާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ އެދުމަކަށް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުން 100 އަށް ވުރެ ގިނަ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނު، ވަގުތީ ކަރަންޓީން ފެސިލިޓީތައް ހެދުމަށް ދީފައިވާ ކަމަށެވެ. މި ފެސިލިޓީތަކަކީ 800 މީހުންގެ ޖާގައިގެ ތަނެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

އެހީތެރިކަން ފޯރުކޮށްދިންކަން ހާމަކޮށް ސަފީރު ކުރެއްވި ޓްވީޓް---

އޭގެ އިތުރުން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ މަސައްކަތްތަކަށް ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕުން 40 މުވައްޒަފުން ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އެއީ އެޑްމިޓް ކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދަމުން އަންނަ 327 މީހުންގެ ޖާގައިގެ ފެސިލިޓީއެކެވެ.

ސަފީރު ކުރެއްވި ޓްވީޓް---

ޗައިނާއިން މީގެ ކުރިން ވަނީ، ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށް 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.

ކޮވިޑް-19 އަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ފަރުކޮޅު ފުއްޓާއި ވެލިދޫ އެވެ. ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ގިނަ ރިސޯޓްތަކެއް އަންނަނީ ބޭނުން ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅޭ ހުރިހާ ޚަރަދުތަކަށް މިހާތަނަށް 560 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.