އިދިކޮޅުން ރައީސަށް ސިޓީއެއް: އިހުސާންތެރިވެ، ޔާމީން ގެއަށް ބަދަލުކޮށްދީ

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު އިހުސާންތެރިވެ، އެ މަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފް މައްސަލަ އަދި ނުނިމެ އެވެ.

އެކި ސަބަބުތައް މަތިކޮށް، އިދިކޮޅުން އަންނަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި މި ފަހަކުން ގިނަ ނޫސް ބަޔާންތަކެއް ނެރެމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި ވެސް މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އެ ސަބަބުތަކެވެ.

ޕީޕީއެމް/ޕީއެންސީން ރައީސަށް ފޮނުވި ސިޓީގައި ބުނީ ޔާމީން ބަންދުކޮށްފައި ހުންނެވި މާފުށީ ޖަލުގައި ފުލުހުން އޮޕަރޭޝަނެއް ހިންގައި، ގައިދީން ގޮޅިތަކުން ނެރެ އެ މީހުން ބަލާ ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގާނީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިގެން ކަމަށާއި އެހެންވެ، ޔާމީން ޖަލުގައި ހުންނަވަނިކޮށް، މިފަދަ ކަމެއް ހިންގުމުން ކަންބޮޑުވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރެމުންދާ ދަނޑިވަޅެއްގައި، ޖަލަށް ވެސް އެ ވައިރަސް ފޯރުމުގެ ބިރު އޮތް ކަމަށާއި އަދި ރޯދަ މަހު، އެ މަނިކުފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ވެސް އިދިކޮޅުގެ ކަންބޮޑުވުމެއް ކަމަށް ބުނެފައިވެ އެވެ.

"ވީމާ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުުތައް އިތުރަށް ވަރުގަދަކޮށް، އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވައި، އިހުލާސްތެރިކަން އިސްކުރައްވައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ދެންނެވީމެވެ." އިދިކޮޅުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި އިދިކޮޅުން ވަނީ، ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް ގިނަ ދުވަސްވެފައި ވާތީ އެ މަނިކުފާނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތު ނުލިބިވާކަމަށް ފާހަގަކޮށްފަ އެވެ. އަދި އެއީ ޔާމީނާއި އެ މަނިކުފާނުގެ އާއިލާ އަށް ސަރުކާރުން ވަމުންދާ އަނިޔާއެއް ކަމަށް އިދިކޮޅުން ބުންޏެވެ.