އެމްޕީއެލްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު ހިމެނޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު ޕޮޒިޓީވް ވިޔަސް އެ މީހާގެ ފަރާތުން އިތުރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ފަސް ދުވަސް ކުރިން ކަމަށާއި އެންމެފަހުން ޑިއުޓީ އަށް ނުކުތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ލޮކްޑައުން ކޮށްފައި ތިބޭ މުވައްޒަފުންނާއި ގޭގައި މަސައްކަތްކުރާ މުވައްޒަފުން އަދި އާއްމުކޮށް ޑިއުޓީއަށް ނުކުންނަ އުސޫލުން ނުކުންނަ މުވައްޒަފުން ހިމެނެ އެވެ. މީގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވަނީ އާއްމުކޮށް ޑިއުޓީއަށް ނުކުންނަ އުސޫލުން ނުކުތް މުވައްޒަފެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އޭނާއަކީ ލޮކްޑައުންވި ސްޓާފުންނާއެކު ލޮކްޑައުންވި ސްޓާފެއް ނޫން. އާއްމު އުސޫލުން 18 ވަނަ ދުވަހު އޭނާ އެންމެފަހުން ނުކުމެފަ މިވަނީ. އޭގެ ފަހުން އެހެން މުވައްޒަފެއް ޕޮޒިޓީވް ވެފައި ނުވަތަ ބައްޔަަށް ހުށަހެޅިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލުން ދެމުން އަންނަނީ ކޮންމެހެން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަކަށް ވާއިރު މި ދަނޑިވަޅު ޑިއުޓީއަށް ނެރެނީ ވޮލަންޓިއާކޮށްގެން އަންނަ މުވައްޒަފުން އެކަނި ކަމަށެވެ. އަދި މުހިންމު ސްޓާފުން އޮފީހުގައި ލޮކްޑައުންވެ ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ ޝާހިދު އަލީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-

އެމްޕީއެލްގައި ލޮކްޑައުންވެގެން މަސައްކަތްކުރާ 168 މުވައްޒަފުން ތިބި އިރު މީގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓްކުރާ މީހުންނާއި ވެސެލްތައް އޮޕްރޭޓްކުރާ މީހުންނާއި ޑްރައިވަރުން އަދި މެކޭނިކުންނާއި އިލެކްޓްރީޝަނުން ހިމެނެ އެވެ. މި މުވައްޒަފުން ލޮކްޑައުން ކުރީ އެ މުވައްޒަފުންނަކީ މުހިންމު ބަޔަކަށް ވުމާއެކު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ބޭފުޅުން ގެއަށް ގޮސް އައިސް ހަދަންޏާ ބައްޔަށް ހުށަހެޅޭ މިންވަރު އިތުރު އެބަވޭ. އަދި ޕޯޓުގެ އޮޕަރޭޝަނަށް ވެސް ދަތިތަކެއް އައިސްދާނެ،" ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޕީއެލްގެ ސަރަހައްދު ތެރޭގައި މުދާ ކްލިއާ ކުރުމަށް ވަންނަ މަޖޫރީންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން، މަޖޫރީންނާއި އެމްޕީއެލްގެ މުވައްޒަފުން އެކުގައި މަސައްކަތްކުރި ނަމަވެސް ތިބޭނީ އެކަކު އަނެކަކާ ދުރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 470 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އެކަކު ވަނީ މަރުވެފަ އެވެ. އިއްޔެ މި ބައްޔަށް ޕޮޒިޓިވް ވި މީހުން ރެކޯޑު އަދަދަކަށް އިތުރުވެފައިވާއިރު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅޭ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އެގޮތުން، ބޭރަށް ދާއިރު އަންގި އާއި މާސްކު ބޭނުން ކުރުމާއި ދެމީހުންގެ ދޭތެރޭގައި ދުރުމިން ބެހެއްޓުން ފަދަ ކަންތައްތައް ހިމެނެ އެވެ.