ކޮވިޑް-19: މާފުށީ ޖަލުން ރެންޑަމް ސާމްޕަލް ނަގައިފި

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވަައިރަސް މާފުށީގެ ޖަލަށް ވާސިލް ވެފައިތޯ ބަލަން ބައެއް ގައިދީންނާއި އޮފިސަރުންގެ ގައިން މިއަދު ސާމްޕަލް ނަގައިފި އެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އެ އިދާރާ އާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގުޅިގެން ހިންގި ޕްރޮގްރާމްގައި 15 ގައިދީއަކާއި 23 އޮފިސަރެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ސާމަޕްލް ނެގީ ރެންޑަމްކޮށް، ޖަލުގެ އެކި ޔުނިޓުތަކުން ހޮވި ގައިދީންނާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އޮފިސަރުންގެ ގައިން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ޖަލުގައި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން، އާއިލީ ބައްދަލުވުންތަކަށް މީހުން ޖަލަށް ވެއްދުން ވަނީ ހުއްޓާލައިފަ އެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރި ގޮތުުން ޖަލަށް ވައިރަސް ވަދެއްޖެ ނަމަ ވަރަށް ހަލުވިކޮށް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 734 އަށް އަރައިފަ އެވެ. މިއަދު އެކަނި ވެސް އެބައްޔަށް 86 މީހުން ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 67 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. މިއަދު ހަވީރާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 14 އެވެ.

މާފުށީ ޖަލުން ކޮވިޑް-19 އަށް ޓެސްޓްކުރަން ސާމްޕަލް ނަގަން ހެލްތު އޮފިޝަލުން މިއަދު ތައްޔާރުވަނީ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުން ކަމަށް ވާއިރު، އެ މީހުންގެ އަދަދު މިއަދު މިވަނީ 400 އަށް އަރައިފަ އެވެ. މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝްގެ 67 މީހުންނާ އެކު، އެ ގައުމުގެ 420 މީހަކަށް މިހާތަނަށް ވަނީ ރާއްޖެ އިން އެ ބަލި ޖެހިފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 228 އެވެ. އިންޑިއާގެ 57، ލަންކާގެ ފަސް މީހަކަށް ވެސް ވަނީ ރާއްޖެ އިން ކޮވިޑް-19 ޖެހިފަ އެވެ.

ދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 700 ހުރަސް ކޮށްފައިވާއިރު، ރަނގަޅުވީ އެންމެ 20 މީހެކެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖޭގައި އެ ބަލީގެ މީހަކު އެންމެ ފަހުން މަރުވީ ރޭގަ އެވެ. އެއީ މިދިޔަ އޭޕްރީލް 21 ގައި ކޮވިޑް-19 ޖެހުނު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ، ހާލު ސީރިއަސް ވެގެން އެ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ރޭ 11:20 ގަ އެވެ.