އައްޑޫ ހޮސްޕިޓަލުން މާސްކާއި ސެނިޓައިޒާ ހުހެއް ނުވޭ

އައްޑޫން ކޮވިޑް-19 އަށް މީހަކު މިއަދު ޕޮޒިޓިވްވެ، މި ސިޓީގައި އެ ބަލި ފެތުރިފައިވާ ކަމަށް ބެލެވޭއިރު، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ން މާސްކާއި ސެނިޓައިޒާ ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.


ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފުއް ސާދާތު ވިދާޅުވީ، އެ ތަކެތި ހުސްވެފައި ނުވާ ކަމަށާއި އެކަމަކު އެންމެ އެކަށީގެންވާ ވަރަށް ސްޓޮކްގައި އެ ބާވަތްތައް ނެތް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދި ބޭއްވި ނިއުސް ބްރީފިންގައި ވެސް ސާދާތު ވިދާޅުވީ ޕީޕީއީ ސްޓޮކްގައި އެންމެ އެކަށީގެންވާ އަދަދެއް ނެތް ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އިތުރު ސްޓޮކްތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކާ އެކު، ދެ ފަހަރެއްގެ މަތިން އޭއީއެޗަށް ޕީޕީއޭގެ ސްޓޮކެއް ލިބުނެވެ.

"ކޮންމެވެސް ވަރަކަށް މަދު ހަމަ. އެކަމަކު ފަހުން ވަނީ ދެ ފަހަރެއްގެ މަތިން ސްޓޮކެއް ލިބިފައި. އެންމެ އެދެވޭ މިންވަރަށް ނެތް ކަމަށް ވިޔަސް ސްޓޮކްގައި ޕީޕީއީ އެބަހުރި." ސާދާތު ވިދާޅުވި އެވެ.

އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހާޓް އެޓޭކެއް ޖެހިގެން އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ގެނެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމުނެނެވެ.

އައްޑޫ ހޮސްޕިޓަލްގެ މެނޭޖަރު ސާދާތު ވަނީ، އެ ބަލި މީހާ އަށް އެ ހޮސްޕިޓަލްގައި ފުރަތަމަ އެޓެންޑްވި ނަރުހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި، އަމަލު ކޮށްފައިވާތީ މިއަދުގެ ނިއުސް ކޮންފަރެންސްގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މާސްކާއި އަންގި ފަދަ އެއްޗެހި ބޭނުންކުރަން ހުރިހާ މުވައްޒަފުންނަށް އިރުޝާދު ދީފައިވާނެ ކަމަށާއި އެކަމަކު ބައެއް މީހުން "ބުނާ ބަސް ނާހަނީ" ކަމަށެވެ. މިގޮތަށް މިކަން ދިމާގުޅިގެން ބަލި މީހާ އަށް އެޓެންޑްވި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު މިހާރު ތިބީ އައިސޮލޭޓްކޮށްފަ އެވެ. އެކަމަކު، އެ ބަލި މީހާ އަކީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް، މާލެ ފުރުވައިލި އިރު، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ސާދާތު ވިދާޅުވި އެވެ.

"[އެހެންވެ] މިހާރު ވެސް އަޅުގަނޑުމެން އަންނަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން. މިސާލަކަށް ބައެއް ފަހަރު އުޅޭނެ ބަސް ގަބޫލު ނުކުރެވޭ ކުދިން ވެސް [ސްޓާފުން]. އެހެންވީމާ އެ މީހުންނަށް ދޭން ޖެހޭ އިންޒާރު ވެސް ދީގެން ނަމަވެސް މި ކަންތައް އިތުރަށް ހަރުދަނާ ކުރަން ފިޔަވަޅުތަކެއް މިއަދުން ފެށިގެން އެޅިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

"އިތުރަށް އިރުޝާދުތައް ދީ އެ ބޭފުޅުންނަށް އަންގަން ޖެހޭ އެންގުންތައް އަންގާފައި މިހާރު ވެސް ވާނީ."

އޭއީއެޗްގެ މުވައްޒަފުންތަކަކާ އެކު ސާދާތު (މ).

ސާދާތު ވިދާޅުވި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ހޮސްޕިޓަލްގެ މުވައްޒަފުންތަކެއްގެ ފަރާތުން ފަރުވާ ކުޑަކޮށްލުމުގެ އަމަލުތަކެއް ފެނިފައިވާތީ ދެން ހޮސްޕިޓަލަށް ގެންދެވޭ ކޮންމެ މީހަކަށް ވެސް އެޓެންޑް ކުރުމުގައި މުވައްޒަފުން މާސްކާއި އަންގި އާއި އަދި އެ ނުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަމަލުކުރުމަށް ބާރު އަޅަމުން ގެންދާނެ އެވެ.

"ހަމަ ފުލް ޕްރޮޓެކްޝަނާ އެކު ހަމަ އަޅަން ޖެހޭ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ދެން އެޓެންޑް ވާނީ. އެ އަށް ފަހު ބަލި މީހުން ބޭނުންކުރާ އެމްބިއުލާންސް ވެސް [ކޮންމެ ފަހަރަކު] ޑިސްއިންފެކްޓްކޮށް، ކުރިއަށް ގެންދާ ގޮތަށް މިހާރު ނިންމާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

[ރޭގެ] ޕޭޝަންޓާ ގުޅިގެން ކަންކަން ކުރެވިފައި ހުރީ އަޅުގަނޑުމެން ވެސް އެންމެ ގަބޫލުކުރާ ގޮތަކަށް ނޫން."