ޓެސްޓުކުރެވޭ ވަރު އިތުރު ނުކުރެވޭ ނަމަ ސާޖް އަޔަސް ނޭނގޭނެ: އެޗްޕީއޭ

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ވަރު އިތުރު ނުުކުރެވޭ ނަމަ އެ ބަލީގެ "ސާޖެއް" (ކުއްލި އިތުރު ވުމެއް) އަޔަސް ނޭނގި ހިނގައިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ބްރީފިން އެއްގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުޥީ މިމަސް ނިމޭ އިރު އަންނާނެ ކަމަށް ލަފާކޮށްފައިވާ ސާޖް އައިކަން ނުވަތަ ނޫންކަން ޔަގީން ކުރެވޭނީ ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރެވިގެން ކަމަށެވެ. ޓެސްޓް ނުކުރެވި އެކަން ނުފެނިދާނެ ސަބަބަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިމީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނެ އެވެ.

"ޓެސްޓިން އިތުރުކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް ބޮޑަށް ޔަގީންކަމެއް ލިބޭނެ ޓްރޫ ސާޖް އަައީތޯ ނާދޭތޯ. އެއީ އެއް ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓެސްޓިން ކެޕޭސިޓީ އިތުރު އެހާތަނަށް ނުކުރެވި އޮވެއްޖެއްޔަކާ އަޅުގަނޑުމެންނަކަށް ހަގީގަތުގައެއް ނޭނގޭނެ މިބުނާ ސާޖް އަތުވެއްޖެތޯ ނާދޭތޯ، ސިމްޕްޓަމެޓިކް މީހުން މަދު އިރަކު އިނގޭތޯ،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ ފަހުކޮޅު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ކުރިން ބަލާފައިވާ ،މިންވަރަށް ވުރެ މަދު ވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތަށް ކަންތައް ވާނީ އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން ފަރުވާތެރިވާ މިންވަރު އިތުރުވެއްޖެ ނަމަ އެވެ. އެގޮތުން ލޮކްޑައުންގެ ފިޔަވަޅަށް މީހުން ކަމޭ ހިތާ މިންވަރާއި ސާފުތާހިރު ކަމުގެ ގޮތުން ގެންގުޅޭ އާދަކާދައަށް ބަދަލު އަންނަ ވަރަކަުން ބަލި ފެތުރޭ މިންވަރަަށް ވެސް ބަދަލު އަންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެކަށީގެންވޭ ހަމަ އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް ރަނގަޅު ވެއްޖެއްޔާ ހަމަ ޓްރޫކޮށް ވެސް އަޅުގަނޑުމެންގެ ވެލިއުސް ތަންކޮޅެއް ދަށަށް ދިއުން،" އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އަންދާޒާކޮށްފައިވާ ގޮތުގައި މިމަސް ނިމޭ އިރު ރާއްޖޭގައި ކޮވިޑް-19 ގެ ޕީކަށް (އެއްފަހަރާ އެންމެ ގިނަ ބަލި މީހުން ތިބޭ ހިސާބަށް) ދާނެ އެވެ. އެގޮތުން އެހާ ތަނަށް ދާއިރު އެއް ފަހަރާ 6000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި އެ ބައްްޔަށް ޓެސްޓް ކުރެވޭ ވަރު އިތުރު ކުރަން ކުރާ މަސައްކަތާ ބެހޭ ގޮތުން މިރޭގެ މީޑިއާ ބްރީފިން ގައި އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ގެންނަން މަސައްކަތްކުރާ މެޝިންތައް ގެނައުމުން ދުވާލަކު ޓެސްޓް ކުރެވޭ ސާމްޕަލްގެ އަދު 1000 އަކަށް ވުރެ އިތުރުކުރެވޭނެ ކަމަށެވެ.

ދުވާލަކު ޓެސްޓްކުރެވޭ ސާމްޕަލްގެ އަދަދު އިތުރުކުރަން ބޭނުންވާ އިކުއިޕްމެންޓް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދުވާލަކު ހާހަކަށް ވުރެ ގިނަ ސާމްޕަލް ނެގެން ވާނެ އަޅުގަނޑެމެން މިހާރު މިކުރާ މަސަައްކަތުން ގެންނަން ޖެހޭ މެޝިނަރީ ގެނައުމާ އެކު،" މަބްރޫކް ވިދާޅުވި އެވެ.