ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާ އެކައުންޓް ހެކްކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާ އެކައުންޓް މިރޭ ހެކްކޮށް ޓުވީޓްތަކެއް ކޮށްފި އެވެ.


އެ މިނިސްޓްރީގެ އެކައުންޓް ހެކްކޮށް ކުރި ޓުވީޓްތަކުގައި، ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރަށް ތުހުމަތުތަކެއްކޮށް ފާޑުކިޔާފައިވެ އެވެ. ބޭރުން ރާއްޖެ އަށް ލިބޭ އެހީތަކަށް ވީ ގޮތް އޮޅުންފިލުވައިދިނުމަށާއި މި ބަލިމަޑުކަމުގައި ސަރުކާރުން ފައިސާ ހޭދަކުރާ ގޮތާ މެދު ޓުވީޓްތަކުގައި ހިތްހަމަނުޖެހުންފާޅުކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ޓޫރިޒަމްގެ ޓުވިޓާ އެކައުންޓް ހެކްކުރި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓާ އެކައުންޓް ހެކްކުރިއިރު ކޮވިޑް-19 އާ ގުޅޭ މައުލުމާތު ދުވަހުން ދުވަހަށް ފޯރުކޮށްދޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ވެބްސައިޓު ވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހެކްކުރި އެވެ.

އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، ސަރުކާރަށް ބޮޑެތި އިންޒާރުތަކެއް ދިނެވެ. އެ މެސެޖުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުގައި ސަރުކާރުން "ކުޅެނީ ޕޮލިޓިކްސް" ކަމަށެވެ. މި ކަންކަން އިސްލާހު ނުކުރާ ނަމަ ސިއްރުތައް ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ.

ޓޫރިޒަމްގެ އެކައުންޓް މި ހެކްކުރީ، ދުނިޔޭގެ އެކި ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސައިބަ އެޓޭކްތަކެއް ދެމުން ދާތީ އެ މައްސަލަތައް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފައި ވަނިކޮށެވެ.

ފުލުހުން ބުނިގޮތުގައި ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މީހުންގެ ފޯނު ހެކްކުރަން އުޅޭ މައްސަލަތަކެއް ވަނީ ހުށަހަޅައިފަ އެވެ.

މެސެޖިން އެޕްލިކޭޝަންގެ ތެރޭގައި ހިމެނޭ ވަޓްސްއެޕް މެދުވެރިކޮށް، ދަންނަ މީހުންގެ ނަމްބަރުތަކުން މެސެޖްކޮށްގެންނާއި ގުޅައިގެން ފޯނު ހެކްކުރަން މަސައްކަތް ކުރަމުންދާ އިރު މިރޭ ބޮޑަށް އަމާޒުކޮށްފައި ވަނީ މި މަސައްކަތުގައި އުޅޭ ޑޮކްޓަރުންނަށެވެ. އެކަމަކު، އެ ނޫން ވެސް އިސް ސަފުގައި އުޅޭ މީހުންގެ ފޯނުތަކަށް މި ކޯޑު ދަނީ ފޮނުވަމުންނެވެ.