ކަނޑަށް ދޫވި މޭވާތައް ނަގައި، ވެރިފަރާތާ ހަވާލުކުރަނީ

ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑަށް މިއަދު އެރި ކާށިދޫ ދޯނިން ކަނޑަށް ބޭރުވި މޭވާ އާއި ބައެއް އެހެން ތަކެތި އެމްޕީއެލުން ނަގައި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.


މާލޭ ސަރަހައްދުގެ މޫސުން އާދަޔާ ހިލާފަށް ގަދަވެފައި ވަނިކޮށް، ތޮށިގަނޑުމައްޗަށް އަރާފައިވަނީ "މިނިވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެއީ މި ރޯދަމަހަށް ހާއްސަ ކޮށްގެން ކާށިދޫ ދަނޑުވެރިން ހެއްދި ބައެއް ތަކެތި ވިއްކުމަށް މާލެ އައި ދޯންޏެވެ. އެކަމަކު، މާލޭގެ ފަޅުތެރެއަށް ނުވަދެވެނީސް، ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް ދޯނި އަރައި، އަދި ރާޅާ ތެޅުމުގެ ސަބަބުން އެ ދޯނި ފަހުން ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ދޯނީގައި ތިބި ހަތަރު މީހުން ތޮށިގަނޑުމައްޗަށް ސަލާމަތުން އަރާފައިވާ ކަމަށެވެ.

އިންޖީނު ހުއްޓި، ދޯނި ރާޅާ ތަޅަން ފެށުމާއެކު އޭގައި ހުރި ދޮންކޭލާއި ލެޓިއުސް އާއި ބައެއް އެހެން ތަކެތި ވަނީ ކަނޑަށް ދޫވެފަ އެވެ. އެ އެއްޗެހި ލައްގަމުން ދަނީ، މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގެ ހުޅަނގުފަރާތަށެވެ.

އެމްޕީއެލުން ބުނީ ލައްގަމުންދާ އެ ތަކެއްޗާއި ކަނޑަށް ދޫވި ބައެއް ތަކެތި ނަގައި، އޭގެ ވެރިފަރާތާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްޕީއެލުން އާއްމު ކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ދޮންކެޔޮގަނޑުތަކަށް މާބޮޑު ގެއްލުމެއް ނުވެ އެވެ. އެކަމަކު ލެޓިއުސް ފަދަ ފަތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މިއީ، މޫސުން ގޯސްވެ، ވައިބާރު ވާ ދުވަސްވަރެއް ކަމަށް ވުމުން ކަނޑުދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާ އިން އެދެ އެވެ. ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ރާއްޖެ އަށް ވައި ގަދަ ވާނެ ކަމަށް އެތަނުން މިއަދު ބުންޏެވެ.