މަނަދު އަށް ކޮވިޑް-19 ދިޔައީ ކިހިނެއް؟

ކޮވިޑް-19 އަށް ނ. މަނަދޫން ފުރަތަމަ ޕޮޒިޓިވްވި 70 އަހަރުގެ އަންހެން މީހާ އަކީ ބަލިކަމުން ތަންތަނަށް ގޮސް އުޅެވޭ މީހެއް ނޫނެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ ބަނޑުގައި ރިއްސާތީ މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާ ދިނުމުގެ ކުރިން ހެދި ޓެސްޓުންނެވެ. މި މަހުގެ ފުރަތަމަ ދުވަހު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ގިނަ ސުވާލުތަކެއް އުފެދުނެވެ.


މާޗް މަހު ފަހުކޮޅު މާލޭން އޮޕަރޭޝަނެއް ކޮށްގެން ރަށަށް ދިޔަ ގޮތަށް އޭނާ ހުރީ ރަށުގަ އެވެ. ދެެން މާލެ އައި ގޮތަށް ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ ރަށު ތެރޭގައި އެބަލި އުޅެނީ ކަމަށް އޭރު ވެސް ބެލުނެވެ.

މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، ލޮކްޑައުން ކުރުމުގެ އެއްދުވަސް ކުރިން އެ އަންހެން މީހާގެ މާމަ ދަރިއެއް މާލޭން ރަށަށް ދިޔަ ކަމަށް އެ ރަށު ބައެއް މީހުން ބުނެ އެވެ. އެ ފިރިހެން ކުއްޖާ ދިރިއުޅެނީ ވެސް އެ އަންހެން މީހާއާ އެއް ގޭގަ އެވެ.

އެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ މާމަ ދަރި ހިމެނޭ ގޮތަށް، އެ ގޭގައި ދިރިއުޅޭ އެންމެން މި މަހު ކުރީކޮޅު ކޮވިޑް-19 އަށް ޓެސްޓް ކުރި އެވެ. ނަތީޖާ ލިބުނީ އެންމެން ނެގެޓިވް ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު އެ ގެއިން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މާލޭން ދިޔަ މާމަ ދަރި ވެސް ހިމެނެ އެވެ.

"ސީދާ އެ ބަލި އައީ ކިހިނެއް ކަމެއް ބުނާކަށް ނޭނގެ. ކުރިން ބެލީ އެގޮތަށް [މާމަދަރީގެ ފަރާތުން ކަމަށް] އެކަމަކު އެ މީހުންގެ ފުރަތަމަ ނަތީޖާ ނެގަޓިވް ކަމަށް ދެއްކީ. މިއަދުގެ ނަތީޖާ އަނެއްކާ ވެސް އެބަ ދައްކާ ޕޮޒިޓިވް ކަމަށް،" މަނަދޫ ކޮވިޑް ޓާސްކް ފޯހުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

އަންހެން މީހާގެ ނަތީޖާ އަށް ވެސް އެގޮތަށް ދިމާވި އެވެ. އޭނާގެ ފުރަތަމަ ޓެސްޓް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ދެ ވަނަ އަށް ހެދި ޓެސްޓް ވަނީ ނެގަޓިވް ވެފަ އެވެ. ދެ ފަހަރު ދެގޮތަށް ނަތީޖާ އައުމުން ޔަގީންކުރަން ހެދި ތިން ވަނަ ޓެސްޓުން އަނެއްކާ ވެސް ޕޮޒިޓިވްވީ އެވެ.

ކޮވިޑް-19 އަށް އެ ރަށުން ބުދަ ދުވަހު ޓެސްޓް ކުރި 34 މީހުންގެ ތެރެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ އަންހެން މީހާ ދިރިއުޅޭ ގެއިން ތިން މީހަކާއި އަންހެން މީހާ މާލެ ދަތުރުކުރި ލޯންޗްގެ ކެޕްޓަނާއި ފަޅުވެރިޔަކު ވެސް ހިމެނެ އެވެ. އަދި ބަނޑުގައި ރިއްސާތީ އެ އަންހެން މީހާ، މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގައި މިދިޔަ މަހު ފަހުކޮޅު އެޑްމިޓްކޮށްފައި އޮތްއިރު އޭނާއާ ބައްދަލުވި އެ ހޮސްޕިޓަލް ސާފު ކުރުމުގެ މަސައްކަތްކުރާ ދެ މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެންވެ އެ އަންހެން މީހާ ރަށުގައި ހުއްޓާ ކޮވިޑް-19 ޖެހުނު ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

"އެ ދައްތަ އެޑްމިޓްކޮށްފައި އޮތްއިރު ހޮޑުލެވިގެން ސާފުކުރަން އެ ދެ މީހުން [މަސައްކަތު ދެ މީހުން] އައީ. އެއީ އެ މީހުންނާ އެ ދައްތަޔާ ކޮންޓެކްޓްވި ގޮތަކީ،" ކަންހިނގިގޮތް އެނގޭ މީހަކު ނަން ނުޖަހަން ޝަރުތުކޮށް ކިޔައިދިނެވެ.

އެ އަންހެން މީހާއާ ބައްދަލުވެގެން މަނަދޫ ހޮސްޕިޓަލްގެ ދެ ޑޮކްޓަރަކާއި 10 ނަރުހުން ހިމެނޭ ގޮތަށް 15 މީހަކު ގޭގައި އައިސޮލޭޓް ކުރި އެވެ. މަސައްކަތު ދެ މީހުން ފިޔަވައި އެހެން މީހުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ.

"ޕޮޒިޓިވްވި އެންމެންނަކީ ވެސް އައިސޮލޭޝަންގައި ތިބި މީހުން. އެ މީހުންނާ އިތުރު ބަޔަކު ކޮންޓެކްޓް ވެފައިވޭތޯ ބަލަމުން މިއަންނަނީ،" ޓާސްކް ފޯހުގެ އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނަދޫ ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. ހުއްދަ ނެތި ރަށަށް އަރައި ފޭބުން މަނާކުރުމުގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުކުމެ އުޅުން މަނާ ކުރި އެވެ. ނަމަވެސް ގޭގައި އައިސޮލޭޓްވާން އެންގި ބައެއް މީހުން ނުކުމެ ބޭރު ތެރޭގައި އުޅުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

"އެއްގޮތަކަށް ވެސް ގެއިން ނުނިކުންނަން އަންގާފައި އޮއްވައި ފިހާރަތަކަށް ގޮސް ވެސް އުޅުނު ކަމަށް ވަނީ. އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވް ވެސް ވި ކަމަށް ބުނަނީ. އެހެންވީމަ އަދިވެސް ރަށު ތެރޭގައި ބަލި އުޅޭނެ ކަމަށް ބެލެވެނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަނަދޫގައި ބަލި ފެތުރިފައި އޮތުމުގެ ކަންބޮޑުވުން މިހާރު އެބަ އޮތެވެ. އެކަމަކު އެ ރަށަށް ބަލި ފެތުރުނު ގޮތަކާ މެދު އެޗްޕީއޭ އިން އަދި މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.