ކޮވިޑް-19: ބިދޭސީންނަށް ހާއްސަކޮށް، ވިލިވަރު އަލުން ތަރައްގީކޮށް ހަވާލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބިދޭސީން ބައިތިއްބަން ޚާއްސަ ކުރަން ސަރުކާރުން ނިންމި ކ. ވިލިވަރު އަލުން ތަރައްގީކޮށް، އިއްޔެ ސަރުކާރާ ހަވާލުކޮށްފި އެވެ.


ކޮވިޑް-19 އަށް ހާއްސަ ކޮށްގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީ ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ކަމަށްވާ ފަރުކޮޅުފުއްޓެވެ. އެ އަށް ފަހު މާޗް މަހުގެ ކުރީކޮޅު ވަނީ ވިލިވަރު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސައި، އެތަނުގައި 30 ކޮޓަރި ހަދައިފަ އެވެ.

ބިދޭސީނަށް ހާއްސަކޮށް، ކުރީގެ ރިސޯޓެއް ކަމަށްވާ ވިލިވަރު ތަރައްގީ ކޮށްފައިވާއިރު މިހާރު އެއީ 250 މީހުންގެ ޖާގައިގެ އައިސޮލޭޝަން ފެސިލިޓީއެއް ކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ވިލިވަރު އައިސޮލޭޝަން ފެސިލިޓީ:އެތަނުގައި މީހުން ބެއިތިއްބުމަށް ތިން ޓެންޓް ހަދާފައިވޭ-- ފޮޓޯ: ޓޫރިޒަމް

އެ ފެސިލިޓީގައި ފުރަތަމަ ހެދި 30 ކޮޓަރި ހާއްސަ ކޮށްފައި ވަނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ މީހުންނަށެވެ.

އެއާ ކޮންޑިޝަން ތިން ޓެންޓް ހުރިއިރު އެއިން ކޮންމެ ޓެންޓެއްގައި ގިނަ އަދަދަކަށް އެނދު ބަހައްޓާފައިވެ އެވެ. ކޮންމެ އެނދެއް ކައިރީގައި މެޑިކަލް އިކުއިޕްމަންޓް ގުޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެހެން ކަރަންޓު ސޮކެޓް ވަނީ ހަރުކޮށްފަ އެވެ.

ފެސިލިޓީގައި 20 ފާހާނާ ހަދާފައިވާއިރު ފެންވަރާ ތަންތަން ހަދާފައިވަނީ ވަކިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ފެސިލިޓީއަށް ބޭނުންވާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ހޯދިއިރު، ތަން ހެދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންނާއި ޑަބްލިއު ކޮންސްޓްރަކްޝަން އަދި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮށްދިނީ ހިލޭ ކަމަށެވެ.

ވިލިވަރު އައިސޮލޭޝަން ފެސިލިޓީގެ ޓެންޓްގައި އެނދުތައް ބަހައްޓާފައި: މިއީ 250 މީހުންގެ ޖާގައިގެ ފެސިލިޓީއެއް-- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވަނީ އެ ފެސިލިޓީއަށް ވަޑައިގެން އެތަން ބައްލަވައިލައްވައި ފަ އެވެ. އެތަނަށް މީހުން ގެންދަން ފަށާ ދުވަހެއް އަދި ނޭނގެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 1,094 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސަރުކާރުން ވަނީ ތޮއްޖެހިގެން މާލޭގައި ދިރިއުޅޭ އެތައް ސަތޭކަ ބިދޭސީންނެއް އެކިއެކި ލޭބާ ކުއާޓާތަކަށް ބަދަލުކޮށްފަ އެވެ.