ސާމްޕަލް ނެގުން ލަސްވާ އެއް ސަބަބަކީ އާރްއާރްޓީން ބުނާގޮތުގައި، ކޮންމެ ގެއަކަށް ވަނުމަށް ފަހު، އެހެން ގެއަކަށް ދިއުމާ ދެމެދު ޕާސަނަލް ޕްރޮޓެކްޝަން އިކްއިޕްމެންޓް (ޕީޕީއީ) ބަދަލުކުރަން ޖެހުން. މީގެ އިތުރުން، މާލޭގައި ގެތައް ހުންނަ ގޮތުން، އެ ގެތަކަށް ވަދެ ސާމްޕަލް ނަގަން ޖެހޭ މީހުންނާ ހިސާބަށް ވާސިލް ވުމުގައި ވެސް އުނދަގޫވޭ.
ރާއްޖެއިން ފުރައިގެން ދިޔަ އިންޑިއާ މީހުން ފުރުވައިލުމުގައި ރެޕިޑް ރެސްޕޮންސް ޓީމަކުން ހަރަކާތްތެރި ވަނީ. ފަައިލް ފޮޓޯ.
19 މެއި 2020 - 01:09
ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރުމަށްޓަކައި ސާމަޕްލް ނެގުމާއި ބަލި މީހުން ކަރަންޓީނަށް ގެންދިއުން ފަދަ ހުރިހާ ކަމެއްގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގެ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަަމަށް އެ ޓީމުން ރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި، ރެޕިޑް ރެސްޕޮންސް ޓީމުގެ ފަރާތުން ބައިވެރިވެޑައިގެންނި، ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ، ޓެސްޓްކުރަން ސާމްޕަލް ނަގަން ދާން ބުނެފައި ލަސްވުން ފަދަ ކަންތައްތަކަކީ އާއްމުންގެ ކަންބޮޑުވުން އޮންނާނެ ކަންތައްތައް ކަމަށާއި އެކަމަކު އެ ގޮތަށް ކަންތައް ދިމާވަނީ ގިނަ ސަބަަބުތަކަކާ ހެދި ކަމަށެވެ. ސާމްޕަލް ނެގުން ލަސްވާ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުުގައި ކޮންމެ ގެއަކަށް ވަނުމަށް ފަހު، އެހެން ގެއަކަށް ދިއުމާ ދެމެދު ޕާސަނަލް ޕްރޮޓެކްޝަން އިކްއިޕްމެންޓް ބަދަލުކުރަން ޖެހުމެވެ.
ރެޕިޑް ރެސްޕޮންސް ޓީމްގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު މިރޭގެ ޕްރެސް ބްރީފިން ގައި ވާހަކަ ދައްކަވަނީ.
އެގޮތަށް ޕީޕީއީ ބަދަލުކޮށްގެން ވެސް އެއް ޓީމަކަށް މަސައްކަތް ކުރެވޭނީ ވަކި އަދަދަކަށް ކަމަށާއި އެ ހިސާބުން އެެހެން ޓީމެއް ނެރެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޓީމު އެގްޒޯސްޓްވާނެ ނުވަތަ އެ ޓީމުގެ ލިމިޓް ހަމަވާނެ ވަކި އަދަދަކަށް ސާމްޕަލް ނެގުނީމާ. އެ މީހުން އަނެއްކާ ޖެހޭނީ އަނބުރާ އަޅުގަނޑުމެންގެ ލެންގުއޭޖުން ނަމަ ޑޯފް ކުރަން،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާރްއާރްޓީމުތަކުގައި މަސައްކަތްކުރާ މީހުންނަކީ ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގި ތިބެ، ވަރަށް ހިތްވަރާ އެކު ހަރަކާތްތެރިވާ ބައެކެވެ. އެހެންވީމާ މީހުން ލިބުމުގައި ވެސް ދަތިކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.
"އާރްއާރްޓީ އަށް މަސައްކަތް ކުރަން އަންނާނެ ބޭފުޅުން ހަމަ މަދު، ޖެހިލުންވޭ. އެހެންވީމާ އެއީ ހަމަ ފާހަގަ ކޮށްލަން ބޭނުންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ވިއްސާރަ ދުވަސްވަރަށް ވީމާ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައި މި އޮތީ. އެއީ އާރްއާރްޓީގެ ޕީޕީއީ ނުވަތަ އެ ރައްކާތެރި ކަމަށް ބޭނުންކުރާ ވަސީލަތްތައް ރައްކާތެރި ގޮތުގައި ބާލައި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ބޭނުންވާ މާހައުލެއް މިއަދު ނެތް،" ހަމީދު
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރާ އިރު، އެ މީހުންގެ ޒާތީ މަައުލޫމާތު ރައްކާތެރި ކުރުމަކީ ވެސް ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ގޮންޖެހުމަކަށް ވެ އެވެ. އެގޮތުން ބަލިމީހާގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން ފަދަ ކަންތައްތައް ކުރަން ބައެއް މީހުން މަސައްކަތް ކުރާ ކަމަށް ހަމީދު ވިދާޅުވި އެވެ.
"ބައެއް ފަހަރު އެ ކަންތައްތައް ހުއްޓުވީމާ އަޅުގަނޑުމެންގެ އާރްއާރްޓީޒް އަށް ފުރައްސާރަ ވެސް ކުރިމަތިވޭ. އެހެންވީމާ އެ ކަންތައް ވެސް ހިތާމައާ އެކު ފާހަގަކުރަން" އޭނާ ވިދާޅުވި އެވެ.
އާރްއާރްޓީ އަށް ކުރިމަތިވާ އަނެއް ގޮންޖެހުމަކީ މާލޭގައި ގެތައް ހުންނަ ގޮތުން، އެ ގެތަކަށް ވަދެ ސާމްޕަލް ނަގަން ޖެހޭ މީހުންނާ ހިސާބަށް ވާސިލް ވުމުގައި ކުރިމަތިވާ އުނދަަގޫތަކެވެ. ހަމީދު ވިދާޅުވި ގޮތުގައި މާލެ ލޮޮކްޑައުންގައި އޮތް ނަމަވެސް ޓްރެފިކްގައި ޖެހުމުގެ އުނދަގޫ ވެސް އާރްއާރްޓީ އަށް ކުރިމަތިވެ އެވެ.
ރާއްޖޭގެ މޫސުން މިހާރު ގޯސްވެފައި ވުމަކީ ވެސް އެ ޓީމުގެ ހަރަކާތްތެރިވާން ކުރިމަތިވެފައިވާ ދައްޗެެކެވެ. އެއީ ޕީޕީއީ ލައިގެން އުޅެނިކޮށް ތެމުމަކީ ނުރައްކާތެރި ކަމަކަށް ވާތީ އެވެ.
"ވިއްސާރަ ދުވަސްވަރަށް ވީމާ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައި މި އޮތީ. އެއީ އާރްއާރްޓީގެ ޕީޕީއީ ނުވަތަ އެ ރައްކާތެރި ކަމަށް ބޭނުންކުރާ ވަސީލަތްތައް ރައްކާތެރި ގޮތުގައި ބާލައި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ބޭނުންވާ މާހައުލެއް މިއަދު ނެތް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮންޖެހުންތައް ހުރި ނަމަވެސް އާއްމުންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ރޭގަނޑުގެ ކިތަންމެ ދަން ގަޑިއެއްގައި ގުޅައިލުމުން ވެސް އާއްމުން އެއްބާރުލުން ދޭ ކަަށް ވިދާޅުވި އެވެ.
"މިހާތަަނަށް މި ކުރި މަސައްކަތުގެ އެންމެ ބޮޑު އެއްބާރުލުމަކީ އާއްމުންގެ ފަރާތުން ދެއްވާ އެއްބާރުލުން،" ހަމީދު ވިދާޅުވި އެވެ.
ރެޕިޑް ރެސްޕޮންސް ޓީމެއްގައި ހެލްތު ޕްރޮފެޝަނަލުންގެ ތަފާތު ގިނަ ދާއިރާތަކުގެ މީހުން ހިމެނޭ އިރު، ސާމަޕްލް ނެގުމާއި ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އިތުރުން މީހުންނަށް ދޭން ޖެހޭ ސައިކޯސޯޝަަކް ސަޕޯޓް ދިނުމުގެ މަސައްކަތްތައް ވެސް ކުރަނީ އެ ޓީމުތަކުންނެވެ. ސައިކޯ ސޯޝަލް ސަޕޯޓް ދޭން ހާއްސަވެފައި ތިބޭ މީހުންނާއި ސާމްޕަލް ނަގާ މީހުން އަދި ތަންތަން ޑިކޮންޓެމިނޭޓްކުރާ މީހުން އެ ޓީމްތަކުގައި ހިމެނެ އެވެ. އެ ޓީމު ތަކުން ވަނީ ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި މިހާތަނަށް 10،000 އެއްހާ ސާމްޕަލް ނަގައިފަ އެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި އޮތީ މިިދިޔަ 72 ގަޑިއިރުގެ ތެރޭގައި ނެގި 400 ވަރަކަށް ސާމްޕަލްގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިޕިކަލްސް
19 May 2020
ކަންކަމަށް ހަޖޫޖަހާ ފާޑުކިޔަން އެންމެ ފަސޭހަވާނީ ކަންކަން ނުދަންނަ މީހުނަށް. ތިމާމެން ކަމަކަށް ކޮށިވެ އެކަމެއްގެ ހޭލުންތެރިކަން ނެތުނު ވަރަކަށް ފާޑުކިޔުން ގިނަވާނެ. ފާޑުކިޔާ އެފަދަ މީހުންގެ ހިތުން އެމީހުންނަކީ ދެން ވަރަށް ދަންނަ ބައެއް. އަމުދުން ގިނަ ދިވެހިންނަކީ ފަރުދީ ޒިންމާ ނުނަގާ، އެކަމަކު އަބަދުވެސް އެހެންމީހުންގެ ޒިންމާގެ ވާހަކަދައްކާ ބައެއް. ޝުކުރުވެރިވާން އަމުދުން ނުދަންނަ ބައެއް. އަބަދުވެސް އުޅޭނީ އެހެން މީހުން ކުށްވެރިކޮށް ފާޑުކިޔުމުގަ.
ހަސަބު
19 May 2020
ކޮންމެ ގޮތަކަށް ބެލިއަސް ތިއީ ފަސޭހަކަމެއްނޫ. ތިބުނިކަންތަކަކީ މިކަންކުރާމީހުނަށް އިތުރު ދަތިތަކަކާ ކުރިމަތިވާނެކަންތައްކަން ގަބޫލުކުރެވޭ. މަސައްކަތުގައި އުޅޭ އެންމެނަކީ ވަރަށް ހިތްވަރުގަދަ ފަހުލަވާނުން. ތި ކުރާ ހިތްވަރަށް ވަރަށް ވަރަށް ޝުކުރިޔާ.
7777
19 May 2020
ސާމްޕަލް ނެގުމުގެ މެނޭޖްކުރުން ވަރަށް ފީކަޅާ. ޓީމްތައް ތިއްބަސް ސްޕީރިއާ ލެވެލްއިން މެނޭޖް ކުރޭބާ
ފަރުކަލ
19 May 2020
ކަލޭ ދުވަހުކު އިންސާނަކުކޮށްދިން ކަމަކަށް ޝުކުރުވެރިވިންތަ؟