ރާއްޖެ އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 11 މީހެއްގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ޓްވީޓެއްގައި ބުނީ "އިރުއަލިމަސް" ނަމަކަށް ކިޔާ ދޯނިން މިދިޔަ މާޗު 26 ވަނަ ދުވަހު މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 11 މީހަކަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ބައިވެރިވީ ގ. ބޮއިލިންފިޝް އަހުމަދު ވިސާމު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން ދެން ހިމެނެނީ މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.
އެ އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މާޗު 20 ވަނަ ދުވަހު މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުންނެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ.