ތައިލެންޑުގައި އެކްސިޑެންޓުވި ދިވެހި މީހާ މަރުވެއްޖެ

ތައިލެންޑުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި ދިވެހި މީހާ ރޭ ފަތިހު މަރުވެއްޖެ އެވެ.


ބެންކޮކްގެ ރަޖާވިތީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވީ ސ. ހުޅުދޫ، އަހުމަދު ސައީދު، 44، އެވެ. މިއަދުގެ އަސުރު ނަމާދަށް ފަހު އޭނާ ވަނީ ތައިލެންޑުގައި ވަޅުލައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގިތާ ފަސް މަސް ދުވަސް ފަހުން އޭނާ މަރުވީ ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށެވެ. ޑޮކްޓަރުން އުންމީދު ކަނޑައިލީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާގެ ބައެއް ގުނަވަންތައް ފެއިލްވުމުންނެވެ.

ޑިސެމްބަރުގައި އޭނާ އެކްސިޑެންޓްވީ ބެންކޮކް އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގަ އެވެ. އޭނައާއެކު ކާރުގައި އިން އެއްބަނޑު އެއްބަފާ ބޭބެ އަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބުނެވެ.

ސައީދުގެ ފުރާނަ ސަލާމަތް ކުރުމަށް ސިކުނޑި އާއި ކަނދުރާގެ ދެ އޮޕަރޭޝަން ވެސް މީގެ ކުރިން ވަނީ ކޮށްފަ އެވެ. އެ އޮޕަރޭޝަންތަކަށް ފަހު ހާލު ރަނގަޅުވަމުން އައި ކަމަށް ވެސް އޭރު އާއިލާއިން ބުންޏެވެ.

މަރުވި މީހާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ.