ގާސިމްގެ ރައްދު ތޯރިގަށް: "ކޯލިޝަނަށް ޕީޕީއެމުން ހެދީ ކިހިނެއް؟"

ސަރުކާރު ކޯލިޝަން ދަމަހައްޓަނީ ވަކި ވަޒީރުންތަކެއް މަގާމުތަކުގައި ބައިތިއްބައިގެން ކަމަށް ވިދާޅުވެ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ރައްޔިތުންގެ މަޖިލީހުގައި މިރޭ ވާހަކަ ދެއްކެވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އޭނާއަށް ރައްދު ދެއްވައިފި އެވެ.


މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހަދާ އޮތް ކަމަށް މަޖިލީހުގެ ގަވާއިދު ކޮމެޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޕީޕީއެމަށް ނިސްބަތްވާ ތޯރިގް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ނުކުތީ ކޯލިޝަނަށް ބެލުމެއް ނެތި ކަމަށާއި އެހެންވެ، ކޯލިޝަން އެއްބަސްވުމާ ސަރުކާރުން ޚިލާފް ވެފައިވާ ކަމަށެވެ.

އެގޮތުން މިހާރު ސަރުކާރު ކޯލިޝަން ހިފަހައްޓަނީ ވަކި ބޭފުޅުންތަކެއް މަގާމުގައި ބައިތިއްބައިިގެން ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނާއި ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ. ރައީސް މައުމޫންގެ ދަރިފުޅުގެ މިނިސްޓަރު ކަން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގު އެހެން ވިދާޅުވުމުން ގާސިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އެއީ މިހާރު ބަހުސް ކުރެވޭ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީއެމް ވެރިކަމަށް ގެނައި ކޯލިޝަނާ މެދު އެ ޕާޓީން އަމަލުކުރީ ކިހިނެއްތޯ އައްސަވާ އޭނާ ދެން ވިދާޅުވީ އެއީ ވަރަށް ހުތުރު ވާހަކައެއް ކަމަށެވެ.

"ޕީޕީއެމް އަމަލުކުރި ގޮތުގެ ވާހަކަ ވެސް އަޅުގަނޑުމެން ދައްކާލަމާ ހިނގާށޭ. އެހެންވީމަ ބަލަ އެއް ބަޔަކާ ދިމާލަށް އެއްޗެހި ކިޔޭކަށް ނެތެއް ނޫންތޯ ތިމާމެންގެ ފަހަތް އޮތީ ވެސް ކިހިނެއްތޯ ރަނގަޅަށް ބަލައިލަން އެބަ ޖެހޭ ދެއްތޯ. އޭގެެ ފަހުން އެހެން ވާހަކައެއް ދައްކަން ޖެހޭނީ. އަޅުގަނޑަށް ހީވަނީ ވަރަށް ހުތުރު ވާހަކައެއްހެން ތި ދައްކަވަނީ އިނގޭތޯ. ވަރަށް ހުތުރު ވާހަކައެއް،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަނާ ބެހޭ ގޮތުން ތޯރިގް އަނެއްކާވެސް ވާހަކަ ދައްކަވަން ފެއްޓެވުމުން ގާސިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އެއީ މަޖިލީހުގައި މިހާރު ބަހުސްކުރެވޭ މައްސަލަ ނޫން ކަން ފާހަގަކުރައްވައިފަ އެވެ. އަދި ހުރިހާ މެމްބަރުން ވެސް މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޯލިޝަނާ މެދު ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވިއިރު، މި ސަރުކާރާއި ޕީޕީއެމް ވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންނެވެ. އެކަމަކު ވަކި ހިސާބަކުން ޖުމްހޫރީ ޕާޓީން ކޯލިޝަނުން ވަކިކުރުމުން، އޭރުގެ އިދިކޮޅު އެމްޑީޕީއާ ގުޅުނެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ވެސް ޖުމްހޫރީ ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އަދާލަތު ޕާޓީއާ ކޯލިޝަން ހަދައިގެންނެވެ.