7000 ފްލެޓަށް ހޮވުނު މީހުންގެ ލިސްޓް އަންނަ މަހު ފައިނަލް ކުރެވޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ފްލެޓްތައް ސެޕްޓެމްބަރު މަހަށް ނިންމަން މަސައްކަތް ކުރާ ކަމަށް ހައުސިން މިނިސޓްރީން މިއަދު ބުނެފި އެވެ.


އަންނަ މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެފައި ވަނިކޮށް ހައުސިން މިނިސްޓްރީން ފަހުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އަމާޒަކީ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން މި އަހަރު ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކޮށް ނިންމުން ކަމަށެވެ.

ކުރީގެ ސަރުކާރުގައި އެ 7،000 ފްލެޓް ދޭން ނިންމާފައި އޮތީ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް، އާ ސަރުކާރުން އެކުލަވާލި ޚާއްސަ ކޮމެޓީއަކުން ކުރަމުންދާތީ ފްލެޓްތައް ލިބޭނީ ކޮން ބަޔަކަށްތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޔާމީންގެ ވެރިކަން ނިމުނު އިރު ވެސް ފްލެޓްތަކުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ދޮޅު އަހަރު ނިމެމުން އަންނަ އިރު ވެސް، ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނުނިމެ އެވެ. އެކަމަކު ފްލެޓްގެ އިންތިޒާރުގައި ތިބި އެތައް ބައެއްގެ ޝަކުވާއަކީ އެ ތަން ހަވާލުނުކޮށް ދިގުލައިގެން ދިއުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި، ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އާތިފާ ވިދާޅުވީ ފްލެޓްތައް ހަވާލުނުކުރެވި އޮތީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރީ ރައީސް އޮފީހުގެ ކޮމެޓީއަކުން ކުރާ އެ މަސައްކަތް ނިމުމަކާ ގާތުގައި ވަނިކޮށް ކަމަށާއި އެހެންވެ، ޖުލައި މަސް ނިމުމުގެ ކުރިން އެތަންތަން ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ހުޅުވިގެން މަސައްކަތް ފަށައިގަނެވިއްޖެ ކަމަށް ވަންޏާ، އިރާދަކުރެއްވިޔާ ޖުލައި މަސް ނިމޭއިރު ހަވާލުކުރެވޭނެ،" އޮންލައިންކޮށް އޮތް ބައްދަލުވުމުގައި އާތިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ކުރަމުން އަންނަނީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ އެހެން ބިމެއް ނުވަތަ އިމާރާތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކަމަށާއި އެކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށެވެ. ސަރުކާރު ހުޅުވެން ވާއިރަށް އެ މަސައްކަތް ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީއަށް ފޮނުވާފައި ހުރި އެކަމާ ބެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހުޅުވޭ ދުވަހު ފޮނުވާލެވޭ ވަރަށް މި ހަފުތާގައި މަސައްކަތް ފެށިގެން ކުރިއަށް އެ ދަނީ. މިހާރު ހުރިހާ ޑޭޓާތައް ޗެކް ކޮށްފައި، ކްރޮސް ޗެކް ކުރަމުން އެ ދަނީ،" އާތިފާ ވިދާޅުވި އެވެ.

ޗައިނާގެ ލޯނު އެހީގައި، އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފަ އެވެ.