ޗާޓަރު ފްލައިޓުތަކެއްގައި އިންޑިއާއަށް އަނބުރާ ދިޔަ މަސައްކަތްތެރިންތަކެއް، އެއާޕޯޓުގައި މަޑުކޮށްގެން ތިއްބާ -- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
04 ޖޫން 2020 - 19:51
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ތެރޭން 342 މީހަކު ޗާޓަރު ފްލައިޓްތަކެއްގައި އިއްޔެ އާއި މިއަދު އެ ގައުމަށް އަނބުރާ ފޮނުވައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ބުނީ މިއަދު ފުރި ފްލައިޓާ އެކު، 2،000 އަށް ވުރެ ގިނަ އިންޑިއާ ރައްޔިތުން އެ މީހުންގެ ގައުމަށް އަނބުރާ ގޮސްފައިވާ ކަމަށެވެ. ކަނޑުމަގުން، އިންޑިއާ ސިފައިންގެ މަނަވަރެއްގައި ކުރިން ވަނީ 1،400 މީހަކު ގެންގޮސްފަ އެވެ.
High Commission facilitated a private charter by @IndiGo6E for staff of Maldivian companies. With this, we have crossed the 2000 mark in evacuation of Indians from the Maldives. pic.twitter.com/vBU0IaF9id
— India in Maldives (@HCIMaldives) June 4, 2020
އިންޑިއަން ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއް
އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "މިހާރު" އަށް ވިދާޅުވީ، މިއީ އިންޑިއާ މީހުން މަސައްކަތް ކުރާ ކުންފުނިތަކުން ހަމަޖައްސަމުން އަންނަ ފްލައިޓްތަކެއް ކަމަށެވެ. އަދި މިއީ އިންޑިއާ ސަރުކާރުން ހިންގަމުން އަންނަ އޮޕަރޭޝަން "ވަންދޭ ބާރަތު"ގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށެވެ. މި މަސައްކަތުގައި ހައި ކޮމިޝަނުގެ ދައުރަކީ މި ކަމަށް އެދޭ ކުންފުނިތައް ބޭނުންވާ ހުއްދަތައް ހޯދައިދިނުން ކަމަށް ރޯހިތު ވިދާޅުވި އެވެ.
އިއްޔެ އާއި މިއަދު ފުރި އިންޑިގޯގެ ޗާޓަރު ފްލައިޓުތައް ދިޔައީ ނިއު ދެއްލީއަށް ކަމަށް ރޯހިތު ވިދާޅުވި އެވެ. ކޮންމެ ފްލައިޓެއްގައި 171 މީހަކު ދިޔަ އިރު، މިއަދު ފުރި ފްލައިޓުގައި ގިނައީ އައިމާ ކޮންސްޓްރަކްޝަންގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތުުގައި އިންޑިއަން ހައި ކޮމިޝަނަށާއި ކުންފުނިތަކަށް ދިވެހި ސަރުކާރުން ވަމުން އަންނަ އެހީތެރިކަމަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.
އައިމާ ކޮންސްޓްރަކްޝަގެ މުވައްޒަފުންނަތަކެއް ވަނީ މިދިޔަ ހަފްތާގައި ތިލަފުށީގައި މުޒާހަރާކޮށްފަ އެވެ. މި މައްސަލައިގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ހަތް މީހުން މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވެ އެވެ. އެ ހަތް މީހުންނަކީ އިންޑިއާ ރައްޔިތުންނެވެ.
އިިންޑިއާ ސަރުކާރުން ހިންގަމުން އަންނަ އިވެކުއޭޝަން އޮޕަރޭޝަންގެ ދަށުން 700 ވަރަކަށް މީހުން ކަނޑުމަގުން މާދަމާ އެ ގައުމަށް އަނބުރާ ދާނެ އެވެ. ވައިގެ މަގުން މީހުން އިވެކުއޭޓް ކުރުމަށްޓަކައި މި މަހުގެ 16، 17 އަދި 18 ގައި އިތުރު ފްލައިޓްތަކެއް ފުރަން ހަމަޖެހިފައިވާ ކަމަށް ރޯހިތު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު އޭޕްރިލް މަހު ލޮކްޑައުން ކުރުމުން، ވަޒީފާ އަދާ ކުރާނެ ގޮތަކާއި އާމްދަނީ ހޯދާނެ ގޮތް ގިނަ ބިދޭސީންނަށް ގެއްލުނެވެ. މި ބައްޔަށް އެންމެ ގިނައިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ވެސް ތޮއްޖެހިފައިވާ ތަންތަނުުގައި ދިރިއުޅެން މަޖުބޫރުވި ބިދޭސީންނަށެވެ. މިހާތަނަށް 187 އިންޑިއާ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
05 June 2020
ޗާޓަރު ފުލައިޓެއްގަ ތިޔަ އެންބެސީ ވެސް އަންބުރާ ގެންގޮސްބަލަ. އަހަރެމެން ބޭނުމީ ޗައިނާ އެންބެސީ.