ހައުސިން މިނިސްޓްރީ އުވާލައިފި

ހައުސިން މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފަ އެވެ.


މި ބަދަލު ސަރުކާރުން މި ގެނައީ ހައުސިން މިނިސްޓަރު އާތިފާ ޝަކުރޫ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ހަމަޖެހުމާ އެކު ކުރިން ހައުސިން މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން ދެން ބަދަލުވާނީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ކަމަށެވެ.

ހައުސިން މިނިސްޓްރީ އަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އައި މިނިސްޓްރީއެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބާރަށް ހިންގި މިނިސްޓްރީ މި ސަރުކާރު ވެރިކަމަށް އައުމާ އެކު މަސައްކަތްތައް ދެބައިވެ ގިނަ މަސައްކަތްތަކެއް ވަނީ ޕްލޭނިން މިނިސްޓްރީގެ ދަށަށް ކުރިން ވެސް ބަދަލުކޮށްފަ އެވެ. އެހެންވެ، މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އޮތީ ރާއްޖޭގެ އެކި ހިސާބުގައި ގެދޮރު އެޅުމުުގެ މަސައްކަތް އެކަންޏެވެ.