ބްރޯޑްކޮމްގެ މެމްބަރުކަމަށް އަނާ އައްޔަންކުރައްވައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް، ވީޓީވީގެ ނޫސްވެރިޔާ އާމިނަތު އަމީނާ (އަނާ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.


އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އަނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ވީޓީވީގެ ސީނިއާ އެޑިޓަރެއްގެ މަގާމުގެ އިތުރުން އެ ސްޓޭޝަންގެ ޕްރައިމް ޓައިމް ނިއުސް އެންކަރެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ އަނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އޭގެ ފަހުން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސްގެ ދާއިރާ އިން، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަކުރެއްވި އެވެ.

ނޫސްވެރިކަމުގައި 13 އަހަރު ހޭދަކުރައްވާފައިވާ އަނާ ބްރޯޑްކޮމް އަށް އައްޔަންކުރެއްވި އިރު، މީގެ ކުރިން ވެސް އެ ކޮމިޝަނަށް އޭނާ ކުރިމަތިލެއްވި އެވެ. އޭރު އޭނާ އަށް ނާކާމިޔާބުވީ މިހާރު އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާއާ ވާދަކުރައްވަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ރައީސް މިފަހަރު ވެސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ހިމެނެނީ ޓީވީއެމްގެ ކުރީގެ ނޫސްވެރިޔާ އަދި މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހިމެވެ. ދެވަނަ އަށް އޮތީ އަނާގެ ނަމެވެ. ނަމަވެސް ކޮމެޓީން ފާސްކުރިއިރު މިފަހަރު އެންމެ ކުރީގައި އޮތީ އަނާ އާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

މަރީ އާއި އަނާއާއެކު އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް އަދި ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ޒީނާ ޒާހިރު، އާމިނަތު ސަރާހަތު އިއްޒަތު، އަމްޖަދު ވަހީދު އަދި އަލީ ޔޫސުފެވެ.