އަންހެނުންގެ ހައްގުގައި ކުރާ ގިނަ ދައުވާތައް ސާބިތެއް ނުވޭ: އީވާ

އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ރާއްޖޭގައި ގާނޫނުތައް ހުރި ނަމަވެސް އެ ގާނޫނުތަކުގެ ދަށުން ކުރާ ގިނަ ދައުވާތައް ސާބިތު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި އަންހެނުންނާ މެދު ތަފާތުކުރުންތައް ނައްތައިލަން ގާނޫނާއި ގަވައިދާއި ނިޒާމުތަކުގައި ހުރި ހުރަސްތައް ދެނެގަތުމަށް ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ގޮވާލައި އީވާ ކުރިން ހުށަހަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސްގައި އީވާ ވިދާޅުވީ ފާސްކޮށްފައި ހުރި ގާނޫނުތަކުގެ ދަށުން ދައުވާކުރި ނަމަވެސް ގިނަ ފަހަރު ކުށް ސާބިތުނުވާ ކަމަށާއި އެގޮތަށް ކަންތައް ވަނީ ފަަނޑިޔާރުން އެގޮތް ބޭނުން ނުވާތީ ކަމަށެވެ.

އީވާ މިހެން ވިދާޅުވީ އަންހެނުންގެ ރައްކާތެރިކަމަށްޓަކައި ފާސްކޮށްފައިވާ ގާނޫނުތަކުގެ ދަށުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެ މައްސަލަތައް ސާބިތުވެފައިވާ މިންވަރު ދައްކައިދޭ ތަފާސް ހިސާބުތައް ހާމަކުރައްވަމުންނެވެ.

އީވާ ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން 18 މައްސަލަ ކޯޓަށް ހުށަހެޅި އިރު އޭގެ ތެރެއިން ސާބިތުވީ އެންމެ ހަތަރު މައްސަލަ އެވެ. ޖިންސީ ފުރައްސާރަ އާއި ގޯނާކުރުމުގެ ގާނޫނު ފާސްކުރިތާ ހަ އަަހަރު ވީ އިރު އެ ގާނޫނުގެ ދަށުން ކޯޓަށް ހުށަހެޅީ އެންމެ މައްސަލައެއް ކަމަށާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން 236 މައްސަލަ ހުށަހެޅި އިރު އޭގެ ތެރެއިން ސާބިތުވީ 97 މައްސަލަ ކަަމަށް ވެސް އީވާ ވިދާޅުވި އެވެ. ޖެންޑާ އީކުއަލިޓީ ގާނޫނު ފާސްކުރިތާ ހަަތަރު އަހަރު ވެފައި ވާއިރު އެ ގާނޫނުގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަ ނާޅާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަހަރަށް މައްސަލަތައް ހުށަހަޅާކަށް ވެސް ބޭނުމެއް ނުވޭ އިންސާފު ނުލިބޭނެތީ. މީގެ އިތުރުންް މައްސަލަ ހުށަހެޅީމާ ވެސް، އިއްޒަތްތެރި ރައީސް އެެއީ މައްސަލައަކަށް ހަަމަ ނުވަނީ. އެތައް ފަހަރަކު، ނަސޭހަތްދީފައި ގެއަށް ދާށޭ ވެސް ބުނެފައި އެބަހުރި. ކޯޓުތަކުގެ ފަނޑިޔާރުންނަށް މި މައްސަލަތައް ސާބިތު ނުވަނީ އިއްޒަަތްތެރި ރައީސް، ބޭނުން ނުވަނީ ސާބިތުކުރަން،" އީވާ ވިދާޅުވި އެވެ.

އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ހަދަން ޖެހޭ ގާނޫނުތައް ހަދައި ހަަމަހަމަކަމާއި އިންސާފު ލިޔުމުން ކިތަންމެ ވަރަކަށް ވެސް ރާއްޖޭގައި ލިބިދީފައިވާ ކަމަށާއި އެކަމަކު ލިޔެކިޔުމާ ހަގީގަތާ ދެމެދު ބޮޑެތި ބާގަނޑުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ޖެހެނީ އެ ބާގަނޑުތައް އޮތް މިންވަރު ދެނެގަންނަން ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.

ވިމެން އޮން ބޯޑުގެ އެވޯޑު ލިބުނު ބޭފުޅުންތަކެއް ފޮޓޯއަކަށް ހުއްޓިވައިގެން.-- ފޮޓޯ: ވިމެން އޮން ބޯޑު

މިދިޔަ މާޗް މަހު އީވާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އާބާދީގެ 49 ޕަސެންޓު އަންހެނުން ހިއްސާކުރާއިރު އެމީހުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކަށް ނިމުމެއް ގެންނަން، ގައުމީ ތަރައްގީގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ހިއްސާ އޮތުމުން ތަރައްގީގެ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.

މުޖުތަމައުގައި އަންހެނުންނާ މެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި ދިވެހި މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު މަގުފަހިކޮށްދިނުމަށާއި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި މިފަދަ ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ޕާލިމަންޓްރީ އިންކުއަރީއެއް ހަދައި އެކަމަށް ދާއިމީ ހައްލެއް ހޯދަން އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމެޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ގޮވާލާފައވިވެ އެވެ.