މަޖިލީހުގެ ޖަލްސާއެއް: މެމްބަރު ޝިޔާމް ތަޅުމުން ނެރުމުގައި ހަމަނުޖެހުން ހިންގައި، އަނިޔާކުރި މައްސަލާގައި އިމްތިޔާޒް ކޮމެޓީގެ ސަބް ކޮމެޓީއެއް ވަނީ އެކުލަވާލާފައި -- ފޮޓޯ/މިހާރު
16 ޖޫން 2020 - 16:30
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި ހަމަނުޖެހުން ހިންގައި، ޝިޔާމަށް އަނިޔާކުރި މައްސަލާގައި ބަޔާންތައް ނަގައި، ހޯދުންތައް ހޯދުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއެއް މިއަދު އެކުލަވާލައިފި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހުގައި ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވުމުން އޭނާ ތަޅުމުން ނެރުމުގައި އެމްޑީޕީ މެމްބަރުން ބައިވެރިވެ، ހިނގި ހަމަނުޖެހުންތަކުގައި ޝިޔާމަށް ވަނީ އަނިޔާވެފަ އެވެ. އެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ޝިޔާމްގެ ނަން މަޖިލީހުގެ ގަވާއިދާ ޚިލާފަށް އިއްވުމާއި މެެމްބަރުން އޭނާގެ ގަޔަށް އަތްލުމާއި ޝިޔާމާ އެކު ތަޅުމުން ނުކުމެވަޑައިގަތް އިދިކޮޅު މެމްބަރުންނަށް ވެސް އަލުން ޖަލްސާގައި ބައިވެރިނުވެވޭ ގޮތަށް ޗެމްބަރު ތަޅުލުމާއި މެމްބަރުންގެ މެދުގައި މާރާމާރީ ހިންގަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ދެއްވި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އިމްތިޔާޒް ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް އެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވެ، އެ މައްސަލާގައި ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނެގުމަށާއި ހޯދުންތައް ހޯދުމަށް ސަބް ކޮމެޓީއެއް ނަގަން ތާއީދު ކުރެއްވި އެވެ. އެކަމަކު ސަބް ކޮމެޓީގެ އެކުލަވާލާ ގޮތާ މެދު އެމްޑީޕީގެ މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވި އެވެ.
ތިން މެމްބަރުންގެ ކޮމެޓީއެއް ނަގަން އެމްޑީޕީ މެމްބަރުން ހުށަހެޅުއްވިއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ ހުރިހާ ޕާޓީއެއްގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފަސް މެމްބަރުންގެ ސަބް ކޮމެޓީއެއް ނެގުމަށެވެ.
އެމްޑީޕީ އަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވީ އެމްޑީޕީ ދެ މެމްބަރުން ކަމަށްވާ އިމްތިޔާޒް ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން އިދިކޮޅަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހިމެނޭ ގޮތަށް ސަބް ކޮމެޓީ ނެގުމަށެވެ. އެ ހުށަހެޅުން ފާސްވީ ހަތަރު މެމްބަރުންގެ ވޯޓުންނެވެ.
އިމްތިޔާޒް ކޮމެޓީ އަދި ސަބް ކޮމެޓީގެ މުގައްރިރު ޔާސިރު -- ފޮޓޯ/މިހާރު
ސަބް ކޮމެޓީގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބޭ ގޮތަށް މެމްބަރުން ނެގުމުން އަމިއްލަ މެމްބަރެއް ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރައްވައި، އެ ބައްދަލުވުން ދޫކުރައްވައި، ވަޑައިގަތެވެ.
ކޮމެޓީ ދޫކުރައްވައި، ވަޑައިގަތުމުގެ ކުރިން މެމްބަރު ނަޝީދު ވިދާޅުވީ ޝިޔާމް ނެރެން އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ މަޖިލީހުގެ ރައީސް ނަޝީދު ކަމަށެވެ. އަދި ނަޝީދަށް ފިޔަވަޅު އަޅަން ޖެހިދާނެތީ އެމްޑީޕީ މެމްބަރުން ބިރުގަންނަނީ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"އަމިއްލަ އަށް ގަބޫލެއް ނުކުރޭ ނެރުނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަކަށް. އެކަން ގަބޫލު ނުކުރާ ބަަޔަކު ތިބިި ތަނެއްގައި މިގޮތަށް ކޮމެޓީ ހަދައިގެނެއް މިކަމެއް ނުނިންމޭނެ." ނަޝީދު ވިދާޅުވި އެވެ.
މެމްބަރު ނާޒިމް ވެސް ވިދާޅުވީ ސަބް ކޮމެޓީ ނެގި ގޮތުން ސާފުވީ މެޖޯރިޓީގެ ބޭނުން އެމްޑީޕީން ނަހަމަ ގޮތުގައި ބޭނުންކުރި މަންޒަރު ކަމަށާއި މައިނޯރިޓީގެ އެއްވެސް އަޑެއް ނެތް ކަން ކަމަށެވެ.
"މައިނޯރިޓީގެ އަޑުއެހުމުގެ ގާބިލްކަން މި ކޮމެޓީގައި ނެތްކަން އަޅުގަނޑު ރެކޯޑަށް ޓަކައި ފާހަގަ ކޮށްލަން." ނާޒިމް ވިދާޅުވި އެވެ.
ރައްދުގައި، އެމްޑީޕީގެ މެމްބަރުން ވަނީ އިދިކޮޅު ދެ މެމްބަރުން ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ގުރައިދޫ ދާއިރާގެ މެމްބަރު އަޣްސާން މައުމޫން އެ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި ވެސް ބައިވެރިނުވާ ކަން ފާހަގަކުރައްވަައި، އިދިކޮޅު މެމްބަރުންގެ އެއްވެސް އިހްލާސްތެރިކަމެއް އެކަމުގައި ނެތް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރަސީގެ އުސޫލަކީ މެޖޯރިޓީން ކަންކަން ނިމިގެން ދިއުން ކަމަށް ވެސް އެމްޑީޕީ މެމްބަރުން ވިދާޅުވި އެވެ.
"އިހްލާސްތެރިކަމެއް ނެތީމަ ދެއްތޯ މައްސަލަ ހުށަހެޅުއްވި ބޭފުޅުން ނާންނާނީ. ދެން ކޮމެޓީ ދޫކޮށްލާފައި ދިއުމަކީ ހައްލެއް ނޫން." ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވީ ސަބް ކޮމެޓީއަކީ މައްސަލައާ މެދު ގޮތް ނިންމާނެ ކޮމެޓީ ނޫން ކަމަށާއި ސަބް ކޮމެޓީގެ މަސައްކަތަކީ ބަޔާންތައް ނެގުމާއި ހޯދުންތައް ހޯދުން ކަމަށެވެ. ސަބް ކޮމެޓީގެ ހޯދުންތަކަށް ފަހު މައްސަލައާ މެދު ގޮތް ނިންމާނީ އިމްތިޔާޒް ކޮމެޓީން ކަމަށާއި އެކަމަކު އިދިކޮޅު މެމްބަރުންގެ އެއްބާރުލުން އެކަމަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަނުން ރިޕޯޓް ނިންމަނީކީއެއް ނޫން. މި ތަނުން، މައި ކޮމެޓީން ނިންމާނީ. ސަބް ކޮމެޓީ އަށް ފާހަގަވި ކަންތައްތަކުގެ ރިޕޯޓް މިކޮޅަށް ގެނެސްފަ ރިޕޯޓް ނިމިގެންދާނީ." ރާއީ ވިދާޅުވި އެވެ.
އެ ކޮމެޓީގެ މުގައްރިރު ޔާސިރު ވިދާޅުވީ މިއީ ފަހުގެ ތާރީޚެއްގައި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ މައްސަލައެއް ކޮމެޓީން ބަލާ ފުރަތަމަ ފަހަރު ކަމަށެވެ.
އެ މައްސަލަ ބަލަން ސަބް ކޮމެޓީއެއް ނެގިއިރު، ފުލުހުން ވެސް މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި އެކަމަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އިމްރާނަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެއްވަދޫ
21 June 2020
ތި ކޮމެޓީއަކަށް ތިކަމެއް ނުބެލޭނެ ، މިހާރު ދުނިޔޭގައި އޮތީ ނަމުން ޑިމޮކްރަސީ ކަމުން ޚުދުމުޚުތާރު
ޢަލިއަ
17 June 2020
ތިކޮމެޓީގައި ތިބީ އަނިޔާކުރިމީހުން ދެން ކޮން މައްސަލައެއް ބެލޭނީ، ތީހަމަ އަޅުވާ އަނދުނެއް.
ސަމަންދަރު
16 June 2020
ވަރަށް މަޖާ ކަމެއްތީ! އިއްޒަތްތެރި މެންބަރުންގެ މުސާރަ ވެސް އަމިއްލައަށް ކަނޑައަޅަނީ! މައްސަލަ ވެސް އަމިއްލައަށް ނިންމަނީ! އެކަމު ޑިމޮކްރެސީގެ ޗެމްޕިއަނުންނޯ! މީ ކޮންކަހަލަ ޒާތެއްގެ އިންސާފެއް!
ވިގަނި
16 June 2020
މަޖްލިސް މެމްބަރުން ސޯޓްބުރި ލައްވާފައި ދިގު އިސްޓާކީނު ލާންޖެހޭ ގަރާރެއް ފާސްކުރަންޖެހޭ. ކޮންމެހެން ގައުމުގެ ފުލުހުން އެލައްވާކަށް ރައްޔިތުން ނޭދޭ
ގުޑިއަރުވާ އަހަންމަދު
16 June 2020
އެމްޑީޕީ މެންބަރުންނަކަށް އިންސާފުން އެއްކަމެއް ކުރުންވެސް ހަޖަމެއް ނުވާނެ..، ޖަންގަލީގެ އުސޫލު ނޫން އެއްގޮތެއްވެސް ނޯންނާނެ!
މަރުޖާނު
16 June 2020
މުނާފިގުކަން ބޮޑުވިޔަސް ބޮަޑުވަރު ތިޔައީ ތިޔަ ކޮމިޓީއިން ކޮންކަމެއް ކުރާނީ ދިމާލަށް ފެންނަން އެއޮތީ ވީޑިއޯގަ ފެބްރުއަރީ 7 ގަ ސިފައިންނަށް ކޮމާންޑް ކުރިގޮތަށް މޫނު ކުނިކޮށްފަ މޮޔަސޮރު ހަޅޭއްލެވިތަން ކޮމިޓީއެއް ނެހެދިޔަސް ތިޔަ ބައިގަޑު ތިތިބީ މަޖްލިސްގެ ގަވައިދާ ޚިލާފް ވެފަ
ައަފުރާސިޔާބު
16 June 2020
މަޖިލީހުގެ ތެރޭގައި މެންބަރުން ކުރާކަންތައްތައް ބަލާނަމަ އެއީ މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެ ބިރުދެއްކުމަށް ކުރާ އަމަލަކަށް ވާނީ. ތިޔަގޮތަށް މައްސަލަ ބަލައި ފިޔަވަޅުއަޅާނަމަ މެންބަރުން މަޖިލީހަށް ނުވަދެވޭނެކަމަށްވެސް ކަނޑައަޅާފާނެ. އެއިރުން މެންބަރުންގެ މިނިވަންކަން ގެއްލި ރިޔާސަތުގައި އިންނަމީހަކު ރައްޔިތުންގެ މެންބަރަށް ބިރުދައްކަން ބޭނުންކުރާ ހަންމުއްޓަކަށް ތިޔަކަންވާނީ.
ކަންނާޑި
16 June 2020
7 ފެބްރުއަރީ ބަގާވާތުގެ ސިޓީ މަޖިލީހަށް ވެއްދި މީހުން ގެ މައްސަލަ ބަލަން އަދި ބަގާވާތް ތަހުގީގުކުރަން ވެސް ސަބު ކޮމިޓީއެއް ނަގަންޖެހޭ
ޝޮކްތެރަޕީ
16 June 2020
ދޮންނަމެޝިނަކައް ލާފަ މަސްސަލަ ނިމްމަލީމަ ނުމުނީކީ ނުން. މަކަރުގަދަ ޖާހިލުން ތިބި މަޖުލީހެއް މި ފެނިގެން ދަނީ.