މިނިސްޓަރަށް ފުލުހުންގެ އިތުބާރެއް ނެތް: މެމްބަރު ރާއީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފުލުހުންގެ އިތުބާރު ނެތް ކަމަށް، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.


ތަފާސްހިސާބާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރު، އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރާއީ ވިދާޅުވީ މިނިސްޓަރު އިމްރާންގެ އިންޓަގްރިޓީއާ މެދު ފުލުހުން ސުވާލު އުފައްދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުނުއިރު އެކަމުގައި ވެސް އިމްރާން އިސްކޮށް ހުންނެވި ކަމަށް ވެސް ރާއީ މިއަދު ވިދާޅުވި އެވެ.

"ފުލުހުންގެ މުއައްސަސާ މަތިކޮށްފައިވާ ވަޒީރަކަށް ފުލުހުންނެއް އެ ބޭފުޅާއަކަށް އިތުބާރެއް ނުކުރޭ. ފުލުހުން ސުވާލު އުފައްދާ އެ ބޭފުޅާގެ އިންޓަގްރިޓީއާ މެދު. އަޅުގަނޑުމެންގެ ސަރުކާރު، އަޅުގަނޑުމެންގެ މެމްބަރުން އެބަ ވިދާޅުވޭ ބަޣާވާތް ކުރިއިރު އިސްކޮށް ދުއާ ދަންނަވަން ހުރި ބޭފުޅެކޭ އެއީ،" ރާއީ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ މަޖިލީހުގައި ބަހުސް ކުރައްވަނީ: އޭނާ ވަނީ ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް

ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް ނިންމާފައިވާއިރު އެކަން ނުވެ އޮތީ ވެސް މިނިސްޓަރު އިމްރާންގެ ސަބަބުން ކަމަށް ވެސް ރާއީ ތުހުމަތު ކުރެއްވި އެވެ.

"ޖަލުމަތީގައި މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ހަމަ ފައިން އަރައިގެން ހަމަ ފިއްތައިގެން އެ ހުންނަނީ. އެ ދާއިރާގެ ރައްޔިތުންގެ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އުންމީދުތަކުގައި މިނިސްޓަރު ފައިއަރައިގެން ފިއްތައިގެން އެ ހުންނަނީ. ވާނުވާއެއް އަންގަނީއެއް ނޫން،" ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅޭނެ ކިތަންމެ ގޮތެއް އެބަހުރި ކަމަށާއި ނަމަވެސް އެކަން ކުރައްވަން މިނިސްޓަރު އިމްރާން ބޭނުން ނުވާ ކަމަށެވެ. މި ސަރުކާރަށް ރަނގަޅު ކަމެއް ވާން މިނިސްޓަރު އިމްރާން އެދިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރާކަށް މި ބޭފުޅާ ބޭނުމެއް ނުވާނެ. ޚުދު ޕޮލިހުންނަށް ވެސް މި ބޭފުޅާ ރަނގަޅު ގޮތެއް ނޭދޭނެ،" ރާއީ ވިދާޅުވި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ދޭތެރެ ދޭތެރެއިން ދަނީ ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން ވެސް އެމްޑީޕީ މެމްބަރުންގެ ނުރުހުން އަމާޒުވި އެވެ.