ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް: ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހަކު ކޯޓުން ދޫކޮށްލި މައްސަލަ ބަލަން ކޮމެޓީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
23 ޖޫން 2020 - 16:48
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށެއް ކަމަށް ގާނޫނުގައި ނެތުމުން އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ކޯޓުން އިއްޔެ ދޫކޮށްލި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލީ އެފަދަ ކުށްތަކަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކުގެ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ އެވެ. އަދި އެ ލިސްޓުގައި ނުހިިމެނޭ ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް މީހުން ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވާއިރު، އެ މީހާ 15 ދުވަހު ބަންދުގައި ހޭދަ ކޮށްފައިވާތީ ގާނޫނު އޮޮތްގޮތުން އޭނާ އިތުރަށް ބަންދު ކުރެވެން ނެތް ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ. އޭނާ ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުރުމުގެ ކުށް ހިމަނާފައި ނެތަސް، އެއީ ޖިނާއީ އެންމެ ބޮޑު އެއް ކުށް ކަމަށެވެ. އެހެންވެ، އެ މީހާ ދޫކޮށްލުމުގައި ކަން ހިނގި ގޮތް ބަލަން އޭނާ ހުށަހެޅުއްވި އެވެ.
އެކަމަށް ގިނަ މެމްބަރުން ތާއީދު ކުރެއްވުމުން އެކަން ހިނގި ގޮތުގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން ސާފުކުރަން ކޮމެޓީން ނިންމި އެވެ. އަދި އެއަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތެއް އޮތް ނަމަ، ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ފޮނުވަން ބައެއް މެމްބަރުން ގޮވާލެއްވި އެވެ.
އެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ރާއްޖޭގައި ހަނު ހުރުމުގެ ހައްގު ހިފަހައްޓާފައިވާ ހަމައެކަނި ކުށް ކަމަށާއި އެހެންވެ، އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށް ނުބެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބޮޑެތި ކުށް ބަޔާންކުރާ ލިސްޓުގައި އެ ކުށް މިހާރު ނެތުމަކީ ހުއްޖަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޭވްމަންޓް މައްޗަށް ފުލުހަކު އަރާށޭ ބުނީމަ ނޭރީމަ ވެސް ގެންގޮސް އެބަ ބާއްވާ 30 ދުވަސް ނޫނީ 45 ދުވަސް ވަންދެން ޖަލުގައި ހުކުމަކާ ނުލައި. އެހެންވީމަ މިއީކީ އިންސާފެއް ނޫން. އެ ބޭފުޅުން އެ ދައްކަވަނީ ވަރަށް ބޮޑު ބުހުތާނު ދޮގު ވާހަކައެއް،" އިމްތިޔާޒް ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ އެންމެ ގާނޫނަކަށް ބަލައިގެން އެގޮތަށް ނިންމުންތައް ފަނޑިޔާރުން ނިންމުމަކީ ބޮޑެތި ކުށްތައް ތަރުހީބު ދިނުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ކޮންމެހެން އެކަން ބަލަންޖެހޭ ކަމަށާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެކަން ފޮނުވަން ވެސް އޭނާ ގޮވާލެއްވި އެވެ.
"އެންމެ ފޮތެއް ބަލައިގެން މި ހުކުމްކުރި ފަނޑިޔާރުންނާ ދޭތެރޭގައި އަޅުގަނޑުމެންނަށް އެބަ ޝައްކު ކުރެވޭ ބޮޑެތި ކުށްތަކަށް ތަރުހީބު ދޭ މައްސަލައެއް ކަމަށް،" ސައުދު ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެކަމުގައި ގާނޫނުގެ މައްސަލައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ބަންދު ނުކުރެވުނަސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ޚާއްސަ އިޖްރާއާތުގެ ދަށުން އެ މީހާ ޝަރީއަތް ނިމެންދެން ވެސް ބަންދުކުރެވިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ގާނޫނުގައި ވަރަށް ސާފުކޮށް ހައްލު ހޯދައިދީފައި އޮތް މައްސަލައެއް މިއީ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ގާނޫނުގައި ލިޔެފައި ނެތިގެން ނުވަތަ މަޖިިލީހުން ކުރަންޖެހޭ ކަމެއް ނުކޮށްގެނެއް ނޫން މިއީކީ،" އަލީ ހުސައިން ވިދާޅުވި އެވެ.
ޖުޑިޝަރީ ކޮމެޓީން މިހާރު ދަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ދިރާސާ ކުރަމުންނެވެ. އެ ބިލުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ ލިސްޓު އިސްލާހު ކުރުން ހިމަނާފައިވެ އެވެ.
ހައި ކޯޓުން ދާދިފަހުން ނިންމާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. ގެ ދަށުން ބަންދު ކުރެވޭ މީހުން 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓޭނީ އެ ގާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކުގައި އެކަނި ކަމަށެވެ. އެކަމަކު އެ ގާނޫނުގެ 60 ވަނަ މާއްދާގެ ނ. އޮތްގޮތުން ޖިނާއީ ބޮޑު ކުށަކަށް ނުވިޔަސް، ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބެހެއްޓިދާނެ އެވެ.
ހައި ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިސްތިއުނާފް ކުރަން ނިންމީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ނ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި ކަނޑައެޅި ބައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
24 June 2020
އަނެއްކާ ޤާޒީ ހައްޔްރުކުރޭ ، ކަލެމެން ޤާނުން ހަދާބަލަ އެކަން ނުކުރެވެ ގޮތައް ނާގާބިލު ބައިގަޑު
ކެލާ
24 June 2020
ޝަރީއަތްތަކަށް ނުފޫޒު ފޯރާގޮތަކީ ކޮބާބާ؟
އަބްދުރަހީމް ޕައިތަގަރަސް
24 June 2020
އެމް .ޑީ. އެން އާ އެތުމާ ކުދިން %100 އިސްލާމީ ޤައުމެއްގައި ދޫވެފައި ތިބޭ ސަބަބުވެސް ބަލާލަދީބަލަ އާދޭސް ކޮށްފަ މި ބުނަނީ
އާރީ
24 June 2020
މީ ހަމަ ފޫނެއް ފަޔަށް ފެންފުރަށް ހޮވާފަތިބި އެދުރު ތަކެއްތަ.
ހުސޭނު
24 June 2020
އެއީ ރީނދޫ ލޭ ހުންނަ އެމްޑީޕީ ހާރޑްކޯރ އެކްޓިވިސްޓެއް, އެމްޑީޕީ އާ އިދިކޮޅަށް ބަސްބުނާ މީހުނަށް އިންޒާރުދެމުން ބިރުދައްކަމުން ދާމީހެއް.
މހއމދ
24 June 2020
މި ކަމުގަވެސް އާޙިރުގަ ކަޑާލާނީ ޕޮލިހުންގެ ބޮލައް
ނިޒާރު
23 June 2020
ޤާނޫނުގަ އޮތްގޮތަށް ނަހަދަޔޭ ކިޔައިގެން މިއޮތް ހުރިހާ ދުވަހު އަގަތެޅީ. ޤާނޫނުގަ އޮތްގޮތަށް ކަންކުރީމަ ޤާނޫނުގެ ހުރި ދޯހޮޅިކަމާއި އެޤާނޫނު ހެދި މީހުންގެ ފެންވަރު މިއެގެނީ. ދެން ޤާނޫނު ދިފާއުކުރަން މަޖިލީހުން މި އުޅެންފެށީ. ތިޔައްވުރެ މާރަގަޅުވާނެ ދެންވެސް ޤާނޫނު އިޞްލާޙު ކުރިއްޔާ.
ނުކުތާ
23 June 2020
ޤާނޫނުގައި ވަކި ގޮތަކަށް ކަންކުރަން ބުނެފައި އޮތުމަކީ ހުއްޖަތެއް. އިމްތިޔާޒުމެންނަށް ގަބޫލުނުކުރެވޭ ކަމެއް ދިމާވާއިރަށް އެހިތްހަމަ ނުޖެހުމުގައި ވަރު ބޭލުމަކީ އެންމެ އެދެވޭ ސިފައެއްނޫން
އެލްސީ އަހްމަދީ ނަޖާހް
24 June 2020
އެމް.ޑީ.އެން އާއި އެތުމާ ގެ މައްސަލަވެސް ތިހާ ފޯރީގަ ބަލާލަދީބަލަ
ބިސްކާށި
23 June 2020
ބަލަނީ ބަލަނީ، ނިމޭކަމެއް ނެތް، އަޅާ ފިޔަވަޅެއް ނެތް
ފަހުދު
23 June 2020
މިކަމުގައި މިފެންނަނީ ފުލުހުންނާއި ޕީޖީގެ ނާގަަބިލުކަން. އޭނާދޫވީ ހާއްސަ އިޖުރާއަތުގެ ދަށުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުންނާއި ޕީޖީއިން އެދިފައި ނުވުމުން. މިވެރިން ބަލަނީ މޮޅެތި ޓުވީޓް ކުރެވޭތޯ. ޒިންމާ އަދާކުރެވޭތޯއެއް ނޫން. ދެން އަނެއްކާވެސް ކޯޓުތަކާއިމެދު އާންމުންގެ ތެރޭގައި ނަފްރަތު އުފެއްދަން މަޖިލީހުން ހެޑްލައިނެއް މޭކްކޮއްލާފަ އެންމެންވެގެން ޓްވީޓެއް ކޮއްލީމަ ނިމުނީ. ހުރިހާ އަނިޔާއަކާއި ނިކަމެތިކަމެއް މިލިބެނީ ކުޑަކުދިންނައް.