މޯކޮމް މައްސަލައިގެ ލިޔެކިޔުންތައް އޭސީސީއާ ހަވާލުކުރިން: އުޝާމް

ކުރިގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.


އުޝާމް ވިދާޅުވީ އެ މައްސަލަ ބަލަން ހަވާލުކުރި ބައިނަލްއަގުވާމީ އޮޑިޓް ފާމް، ގްރާންޓް ތޯންޓަންއާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން 2012 ގައި އުވާލި އިރު މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލާފައި ނެތް ކަމަށެވެ. ނަމަވެސް އެހާ ހިސާބަށް ކޮށްފައިވާ މަސަައްކަތުން ހޯދާފައިވާ ލިޔެކިޔުންތައް، މައްސަލައިގައި ގްރާންޓް ތޯންޓަން އަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ މައްސަލަ ހައްލުކުރަން ހެދި ސެޓުލްމެންޓް އެގްރިމެންޓްގެ ދަށުން ސަރުކާރާ ހަވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރާންޓް ތޯޓަން އިން ހަވާލުކުރި ލިޔެކިއުންތައް އޭސީސީއާ ހަވާލުކުރީ އޭރު އަދާކުރެއްވި މަގާމުގެ މަސްއޫލިއްޔަތެއްގެ ގޮތުން އޭނާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން އެ ފަރާތަަށް [ގްރާންޓް ތޯންޓަން އަށް] ދައްކަން ޖެހޭ ފައިސާ ދައްކައި ޚަލާސްކުރީމާ، އެ ސެޓުލްމެންޓް އެގްރިމެންޓްގައި އޮންނާނެ އެފަރާތުން އެހައިތަނަށް ކޮށްފައިވާ މަސައްކަތުގެ ހުރިހާ ފައިލްތައް ސަރުކާރާ ހިއްސާކުރަން ޖެހޭނެ ކަމަށް. އެ ފައިލްތައް އެފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރި. އަޅުގަނޑުވެސް އެ ފައިލްތައް ދުށިން. އެ ފައިލްތައް އަޅުގަނޑުގެ ބެލުމުގެ ދަށުން ގެންގޮސް ހަވާލުކުރީ އޭސީސީއަށް، 2013 ވަނަ އަހަރުގެ ތެރޭގައި،" އުޝާމް ވިދާޅުވި އެވެ.

ހިޔާލީ ވާހަކަތަކެއް ލިޔެ ހުށަހެޅުމަކުން އެއީ ހަގީގަތަކަށް ނުއެއް ވާނެ. މި މައްސަލައިގައި ކަންހިގާފައި އޮތް ގޮތް ދައުލަތުގެ ލިޔެކިއުންތަކުން މިހާރު ވެސް ފެންނަން އޮތްކަން އަޅުގަނޑު ފާހަގަކޮށްލަން: އުޝާމް

އޭނާ ވިދާޅުވި ގޮތުގައި ފައިލްތައް އޭސީސީއާ ހަވާލުކުރެއްވީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮންނަނީ އެ ކޮމިޝަނަށް ކަމަށް ވާތީ އެވެ. ފައިލްތައް އޭސީސީއާ ހަވާލުކުރީ ގްރާންޓް ތޯންޓަން އިން ދިން އިރު ހުރިގޮތަށް، ކަނޑައިވެސް ނުލައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަވާލުކުރިކަން ވެސް ލިޔެކިއުމުން ހުންނާނެ ފެންނަން. އޭސީސީގައި ވެސް ހުންނާނެ ފެންނަން،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީގައި އެ ފައިލްތައް ނެތް ކަމަށް ވަންޏާ އެއީ އޭސީސީގެ މައްސަލައެއް ކަަމަށާއި އެހެން ނަަމަވެސް އެ މައްސަލަ ބަލަން ތާއީދު ކުރައްވާ ކަަމަށެވެ. އެއީ އެ މައްސަލަ އަކީ ވެސް ނިމުމެއް އަންނަން ޖެހޭ ކަމަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށެވެ. އެއަށް ފަހު އެ ރިޕޯޓް ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކުރައްވައި، މައްސަލައިގައި ގޮވާލާފައި ވަނީ ރިޕޯޓް މަޖިލީހަށް ހޯދުމަށެވެ.

އުޝާމް ވިދާޅުވީ އެއީ ހިޔާލީ ވާހަކައެއް ކަމަށެވެ.

"ހިޔާލީ ވާހަކަތަކެއް ލިޔެ ހުށަހެޅުމަކުން އެއީ ހަގީގަތަކަށް ނުއެއް ވާނެ. މި މައްސަލައިގައި ކަންހިގާފައި އޮތް ގޮތް ދައުލަތުގެ ލިޔެކިއުންތަކުން މިހާރު ވެސް ފެންނަން އޮތްކަން އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ ނޮވެމްބަރު މަހު ކޮޅުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.