ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ 14 އާ ހަމައަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި އެވެ.


އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކުރީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

އެންމެ ފަހުން އިއުލާނުކުރެއްވި ސިއްހީ ނުރައްކަލުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ.

"އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަަށަވަރުކުރުމަށްޓަކައި ގާނޫނު ނަމްބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ،" އަމީންގެ ގަރާރުގައި ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14 އާ ހަމައަށް ދަންމާލި ކަމުގައި ވިއަސް، އަދި ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާ ބައްޔާ ގުޅިގެން އަޅާފައިވާ ލޮކްޑައުނަށް ވަނީ ލުއިދޭން ފަށައިފަ އެވެ. ބަލީގެ ހާލަތު ގޯސް ނުވާ ނަމަ ޖުލައި 1 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައި ރާއްޖޭގެ ޓޫރިޒަމް ވެސް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2،337 އަށް އަރައިފަ އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާއިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 397 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 1،927 މީހުން ރަނގަޅުވެފައި ވެ އެވެ.