ގުޅިފަޅުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރަންް ހުށަހަޅަން ފާސްކޮށްފި

ވިޔަފާރި ބަނދަރު ހަަދަން ގުޅިފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ގުޅިފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށްް ހާއްސަކުރަން ސަރުކާރަށް ހުށަހަޅަން ހިމެނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީން އެކުލަވައިލި ރިޕޯޓެއްގަ އެވެ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވާ ކަމުގެ ކަންބޮޑުވުންތައް ހިމެނި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންވަަޔަރްމެންޓް ކޮމިޓީގެ ރިޕޯޓްގައި ވަނީ ގުޅިފަޅުގެ ބިމުގެ 15 ޕަސެންޓް މީހުން ދިރިއުޅުމަށް ހާއްސަކޮށް، އޭގެތެރޭން 6،000 ހައުސިން ޔުނިޓް އެޅޭ ވަރުގެ ސަރަހައްދެއް ސޯޝަލް ހައުސިން އަށް ހާއްސަކުރުމަށެވެ.

އެ އަދަދު އިތުރުކޮށް، ބިމުގެ 30 ޕަސެންޓް މީހުން ދިރިއުޅުމަށް ހާއްސަ ކުރާށާއި 8،000 ހައުސިން ޔުނިޓް އެޅޭވަރުގެ ސަރަހައްދެއް ސޯޝަލް ހައުސިން އަށް ހާއްސަކުރާ ގޮތަަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރިޕޯޓަށް އިސްލާހެއް ހުށަހެޅުއްވި އެވެ. އެކަމަކު އެ އިސްލާހު ފާހެއް ނުވެ އެވެ.

ގުޅިފަޅުގެ ބިމުން ބޯހިޔާވަހިކަމަށް ވަކިވަރެއް ހާއްސަކުރަން ސަރުކާރަށް ހުށަހަޅަން މަޖިލީހުން މިއަދު ފާސްކުރި އިރު، އެކަން އެގޮތަށް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހަައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅު ވެސްވެފަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް. އޭނާ ހުށަހެޅުއްވީ ގުޅިފަޅުގެ 30 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރަން.

ރައްޔިތުންގެ މަޖިލީހުގެ، ސަަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، މެމްބަރެއްގެ ސުވާލަކާ ގުޅިގެން އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ފަހު ދިރިއުޅުމަށް ވަކި މިންވަރެއް ކަނޑައަޅާނެ ކަމަށެވެ. އެކަމަކު ގުޅިފަަޅު މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ބަނދަރު ހެދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"ގުޅިފަޅު މެއިންލީ އެއީ ޕޯޓް ސިޓީއެއް. މާލޭ ޕޯޓާއި ނޯތު ހާބަރުގެ އެ ހުރިހާ ފަންކްޝަނެއް ބަދަލުވާނެ. ނޯތުގެ ހާބަރުގެ މި ސަރަހައްދު ވަރަށް ބޮޑުތަނުން ލުއިވެގެން ދާނެ. ތަފާތު ތަނަކަށް މިތަން ވެގެންދާނެ. ރަށްރަށަށް މުދާ ޑިސްޓްރިބިއުޓުކުރުން ވެސް ގުޅީފަޅު ބަނދަރަށް ބަދަލުކުރެވިގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.