އަލީ ވަހީދު ފުރުން މަނާކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރާތީ އޭނާ ފުރުން މަނާކޮށްފި އެވެ.


މުވައްޒަފުންތަކަކަށް ޖިިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލާގައި، އަލީ ވަހީދު ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކޮށް، ފޯނާއި ލެޕްޓޮޕް ވެސް ފުލުހުން ވަނީ ރޭ ހިފަހައްޓައިފަ އެވެ.

ފުލުހުން ބުނީ އަލީ ވަހީދާ ގުޅޭގޮތުން ބަލަމުންދާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކޮށްފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ އެ މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުންނެވެ. އެކަމާ ގުޅިގެން އޭނާ ވަކި ކުރެއްވީ އިސްތިއުފާ ދެއްވަން އެންގެވުމަށް ފަހު އިސްތިއުފާ ނުދެއްވުމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު މިހާތަނަށް ވިދާޅުވި ހަމަ އެކަނި ވާހަކަ އަކީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށެވެ. އެހެން ވިދާޅުވީ މަގާމުން އިސްތިއުފާ ދޭން ރައީސް އެންގެވި ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.