ސީއެސްސީން އިސްތިއުފާ ނުދެއްވި ހަމައެކަނި މެމްބަރު ޝަހީގު ވަކިކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމުން އިސްތިއުފާ ނުދެއްވި ހަމައެކަނި މެމްބަރު އިބްރާހިމް ޝަހީގު، އެ ކޮމިޝަންގެ މެމްބަރުކަމުން ރައްޔިތުންގެ މަޖިލީހުން މިއަދު ވަކިކޮށްފި އެވެ.


އޭނާ ވަކިކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަހީގުއާއެކު، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން ވެސް ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ޝަހީގު ފިޔަވައި އެހެން ބޭފުޅުން އިސްތިއުފާ ދެއްވުމުން މަޖިލީހުގައި ވޯޓާ ހަމައަށް ދާކަށް ނުޖެހުނެވެ.

ސީއެސްސީގެ ހަތަރު މެމްބަރުންގެ އިތުރުން މި ސަރުކާރުގައި 2018 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަން ކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ފާހެއް ނުވި އެވެ.

ވަކި ކުރަން ނިންމި ސަބަބު:

• މެމްބަރުންގެ ގުޅުން ކުޑަވުމުގެ ސަބަބުން ކޮމިޝަން ހިންގަން ދަތިވުން.

• މެމްބަރުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ކަންކަން ނުނިމިގޮސް ހިދުމަތްތައް ދޭން ހުރަސް އެޅުން.

• މެމްބަރުންގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މިނިސްޓްރީ ތަކުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ނުނިމުން.

• ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ލީކް ވުމުގެ ސަބަބުން އެ މައްސަލަތައް ބެލުމަށް ހުރަސް އެޅުން.

• ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ސިޔާސީ ނުފޫޒު ވަދެފައިވުން.

• ކޮމިޝަންގެ ރައީސް ޝަމީމް، ޕީޕީއެމްގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައިވުން/

ސީއެސްސީން މިއަދު އިސްތިއުފާ ދެއްވި ތިން މެމްބަރުންނާއި ވަކިކުރި ޝަހީގަކީ ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ.