މި އަހަރުގެ އޭޕްރީލް މަހު ބާއްވަން ކުރިން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޮވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، އިންތިހާބަށް ކުރިމަތިލި އިތުރު އަށް ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފި އެވެ.
އިންތިހާބު ފަސްކޮށްފައިވާތީ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލީ މިދިޔަ ޖޫން، 23 ގަ އެވެ. މި ފުރުސަތުގައި މީގެ ކުރިން ވެސް ފަސް ކެންޑިޑޭޓަކު ނަން އަނބުރާ ނަގާފައި ވެ އެވެ.
އެ ފަސް ކެންޑިޑޭޓުންގެ އިތުރުން ނަން ނެގި އިތުރު އަށް ކެނޑިޑޭޓުންގެ ނަން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީން ކުރިމަތިލީ ހަތަރު ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރި ހަތަރު ކެންޑިޑޭޓެކެވެ.
ނަން އަނބުރާ ނެގި ކެންޑިޑޭޓުން:
އެމްޑީޕީ: މީދޫ ދާއިރާގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި/ އައިޝަތު ޝޫޒާ.
އެމްޑީޕީ: ކ. ތުލުސްދޫ ކައުންސިލްގެ މެމްބަރު / ހުސައިން އަރްޝަދު.
އެމްޑީޕީ: ލ. މާމެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ / އައިޝަތު ސަތުމާ.
އެމްޑީޕީ: ލ. ކަލައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ / އާމިނަތު ރަހީމާ.
އަމިއްލަ ގޮތުން: ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ދެ ގޮނޑި/ ނަސްރީނާ މޫސާ އަމިއްލަ ގޮތުން: ނ. މަގޫދޫ ކައުންސިލްގެ މެމްބަރު / ޖައުފަރު އަލީ.
އަމިއްލަ ގޮތުން: ލ. އިސްދޫ ކައުންސިލްގެ ރައީސް / އިބްރާހީމް ހަމީދު.
އަމިއްލަ ގޮތުން: ގއ. ނިލަންދޫ ކައުންސިލްގެ މެމްބަރު / ނަދީމް އަހުމަދު.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޭޕްރިލް 4 ގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އިންތިހާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.
އެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށް، އެކަމަށް ހާއްސަ ގާނޫނެއް ހަދައި ގާނޫނުއަސާސީ އަށް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ބަދަލު ގެނެސްފަ އެވެ. މި ބަދަލާ އެކު، އަންނަ އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.