10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ނަމަ ރެޒިޑެންޓް ވިސާ ދޭން ހުށަހަޅައިފި

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.


އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން އަނބުރާ ކޮމިޓީ އަށް ފޮނުއްވަމުންނެވެ. ނަޝީދު ބޭނުންފުޅުވީ، އެ މަނިކުފާނު ހުށަހަޅުއްވާ އިސްލާހާ އެކު، އެ ބިލާ މެދު އަލުން ކޮމިޓީން ވިސްނުމަށެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެކަމަކު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވީ، ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ނަގަން ފަށާފާނެ ކަމަށެވެ. ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

"އުސޫލުތަކެއް ނުލާ މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ދޫކޮށްލައިފިއްޔާ މާދަމާ 100 ރުފިޔާ އަށް ވެސް ތަނެއް ކުއްޔަށް ދޫކޮށްފާނެ. ހަމަ ކުޑަ އެގްރިމެންޓް ހަދާފައި ބަހައްޓާފައި 10 އަހަރު ދުވަހަށް މީހަކަށް ދީފައި، ދެން އޭނާ ދާންވީ ވިސާއަށް އެޕްލައި ކުރަން. ފައިސާ ލިބޭތޯ ނުލިބޭތޯއެއް ވެސް ނުބަލާނެ،" މައްޗަންގޯޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވި އެވެ.

އެހެން ބައެއް މެމްބަރުން ބައެއް ވިދާޅުވީ ތަންތަން ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދޭން ޖެހެނީ ރާއްޖެ އަށް އިގްތިސާދީ ފައިދާތަކެއް ލިބޭ ގޮތަށް ކަމަށާއި އެހެންވެ، ދިގު މުއްދަތަށް ތަނެއް ކުއްޔަށް ހިފުމުން ވިސާ ދޭންޖެހޭނީ ވަކި މިންގަނޑުތަކެއްގެ ތެރެއިން ކަމަށެވެ. އެހެން ގައުމުތަކުގައި އެގޮތަށް ވިސާ ދެނީ އަގު ބޮޑެތި ތަންތަން ކުއްޔަށް ހިފާ ނަމަ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

"މިހާ އޯޕަންކޮށް ދޫކޮށްލާއިރު، މިސާލަކަށް ކޮންމެ މީހަކަށް ވެސް 10،000 ރުފިޔާ އަށް ތަނެއް ހިފައިގެން އުޅެވިދާނެ މަހެއްގެ މައްޗަށް. އެއީ އަޅުގަނޑުމެން މިހާ އޯޕަންކޮށް، ރެސިޑެންޓް ވިސާ ދެވޭ ވަރުގެ ކަމެއްހޭ. އޭގެ ބަދަލުގައި ލަގްޒަރީ އެޕާޓްމެންޓްތަކެއް މިތާނގައި ހަދަނީ. އެތަނުން ގަންނަނީ. ގަތީމަ އަޅުގަނޑުމެންނަށް ދެވިދާނެ،" ވިލުފުށީި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވިދާޅުވި އެވެ.

މިހާރު ވެސް އިމިގްރޭޝަންގެ ގާނޫނު އޮންނަ ގޮތުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށާއި ކައިވެނިކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ކަން ވެވސް މެމްބަރުން ފާހަގަ ކުރެއްވި އެވެ. އެކަންކަމުގެ އުސޫލުތައް ކަނޑައެޅުން ދޫކޮށްލަން ޖެހޭނީ ސަރުކާރުގެ އަތްމައްޗަށް ކަމަށް ވެސް އެ މެމްބަރުން ފާހަގަ ކުރެއްވި އެވެ.

"އުސޫލުތަކެއް ނުލާ މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން ދޫކޮށްލައިފިއްޔާ މާދަމާ 100 ރުފިޔާ އަށް ވެސް ތަނެއް ކުއްޔަށް ދޫކޮށްފާނެ. ހަމަ ކުޑަ އެގްރިމެންޓް ހަދާފައި ބަހައްޓާފައި 10 އަހަރު ދުވަހަށް މީހަކަށް ދީފައި، ދެން އޭނާ ދާންވީ ވިސާއަށް އެޕްލައި ކުރަން. ފައިސާ ލިބޭތޯ ނުލިބޭތޯއެއް ވެސް ނުބަލާނެ،" ---ހައިތަމް

"އެ ކަންތައް އެ ގާނޫނުގައި އޮތްގޮތަށް އެބަ ހިނގަމުންދޭ ގަވާއިދުތަކުގެ ދަށުން. އެކަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހިނގަނީ މުޅިއަކުން ގޯސް ގޮތަކަށް ވެސް ނޫން. ގަވާއިދުގައި އުނި ކަންތައްތައް ހުރީ ކަމުގައި ވަނީ ނަމަ، ކަމާބެހޭ އިދާރާތައް ގެނެސްގެން އެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެ،" ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި އެވެ.

މެމްބަރުންގެ ޚިޔާލުތަކަށް ފަހު ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ނިންމުމަށް ފަހު ތަޅުމަށް ކުރިން ފޮނުވި އެވެ. އެކަމަކު ކޮމެޓީގެ އެ ނިންމުން ނަޝީދު އަނބުރާ ފޮނުވާލެއްވީ އެ މަނިކުފާނު ހުށަހަޅުއްވާ އިސްލާހާ އެކު، އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެންނެވެ.