ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި "ޓްވިޓާ މުޒާހަރާއެއް"

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލަ ބޮޑުވެފައި ވާތީ އެކަމާ ދެކޮޅަށް ޓްވިޓާގައި ބޮޑު ހަރަކާތެއް ހިންގައިފި އެވެ.


އެކި ކަންކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބޮޑެތި ހަރަކާތްތައް ހިންގާ އަދި ބައެއް ފަހަރު އެ މީހުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ސައިބަ ހަމަލާތައް ވެސް ދޭ އެނޮނިމަސް އާއި ދިވެހި ގްރޫޕެއް ގުޅިގެން އިއްޔެ އެކި ގައުމުތަކުގައި އެއް ވަގުތަކާ ދިމާކޮށް ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލީ "ޕޭއަޕް" ހޭޝްޓެގްގަ އެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ރާއްޖޭ ގަޑިން ރޭ 8:00 ގަ އެވެ.

މި ކެމްޕޭނަށް ގޮވާލައި ޓްވީޓްކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ އެތައް ބަޔަކަށް މުސާރަ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ބައެއް މީހުން ތިބީ އަތްމަތި ހުސްވެ ހައިހޫނުކަމުގައި ކަމަށާއި އެ މީހުންގެ އާއިލާތަކަށް އަޅާލެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

"މިއީ ލާއިންސާނީ އަނިޔާވެ އަމަލެއް. އެ މީހުންނަށްޓަކައި އަަހަރެމެން އަޑު އުފުލައިދޭން ހިނގާ،" ދިވެހި ގްރޫޕެއް ކަމަށްވާ ރޭޕްސްކޭޕް އެމްވީ ވެސް ބައިވެރިވެގެން ހިންގި ކެމްޕޭނުގެ ޕޯސްޓަރުގައި ބުނެފައިވެ އެވެ.

"ޕޭއަޕް" ހޭޝްޓެގްގައި ގިނަ އަދަދެއްގެ މީހުން ބިދޭސީންގެ ހައްގުގައި ވަނީ އަޑު އުފުލައިފަ އެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރު މީހުން ވެސް މި ކެމްޕޭނުގައި ބައިވެރިވެފައިވެ އެވެ.

"ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މަސައްކަތްތެރިންގެ އިންސާނީ އަސާސީ ހައްގުތަކުން ވެސް ވަނީ މަހުރޫމުވެފައި. މި އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލުމުގައި އެހީވޭ،" ފޮލޯވަރުންގެ އަދަދު 7.4 މިލިއަނަށް ވުރެ ގިނަ އެނޮނިމަސްގެ އެކައުންޓުން ކުރި ޓްވީޓާ އެކު އަޑު އުފުލި މީހަކު ބުނެފައިވެ އެވެ.

މިފަދަ އެތައް ބައިވަރު ޓްވީޓްތަކެއް ވަނީ މި ހޭޝްޓެގްގައި ކޮށްފަ އެވެ.

އެކި ސަބަބުތަކާ ހެދި ރާއްޖޭގެ ގަވައިދުތަކުގެ ބޭރުން ރާއްޖޭގައި މަސައްކަތްކުރަން ޖެހިފައިވާ ބިދޭސީން ލައްވާ މަަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދިނުމުގެ މައްސަލަތައް ހޫނުވެގެން އައީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ ކުންފުންޏަކުން، ބިދޭސީން ލައްވައި އެތައް ދުވަހެއް ވަންދެން، މުސާރަ ނުދީ މަސައްކަތްކުރުވުމުން އުފެދުނު ހަމަނުޖެހުންތަކާ އެކުގަ އެވެ. އޭގެ ފަހުން ބިދޭސީ އެހެން ބައެއް ގްރޫޕްތަކުން ވެސް މުސާރައިގެ މައްސަލާގައި ހަޅުތާލަށް ނުކުމެ ހަމަނުޖެހުން ވެސް ހިންގާފައިވެ އެވެ.