ޖޭއެސްސީއަށް އާންމުންގެ ފަރާތުން އުއްމުކުލްސުމް އައްޔަން ކުރަން ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް އައިމިނަތު އުއްމުކްސުމް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ޖޭއެސްސީގައި އާންމުންގެ ފަރާތުން އިންނަވާ މެމްބަރުގެ މަގާމު ހުސްވުމުން އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަމަކު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ރުހުން ދިނީ ސ. މަރަދޫ މޫންލައިޓްހައުސް، އުއްމުކުލްސުމް އާއި ހ. ރޯޒްމެރީ، އާދަމް މިގުދާދަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުއްމުކުލްސުމް އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ 67 މެމްބަރުންގެ ވޯޓުންނެވެ. އޭނާގެ ނަން ފާސްވުމުން މިގްދާދުގެ ނަމަށް ވޯޓަކަށް ނާހަ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި ރައީސްގެ މެމްބަރު މަސްތޫރު ހުސްނީ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ސަމީރާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ޝަރީފާއި ވަކީލުންގެ ތެރެއިން އަބްދުލްމާނިއު ހުސައިންނެވެ.