ބިދޭސީންނަށް މުސާރަ ދޭން ލޭބާ ރިލޭޝަންސް އިން ރިޒް އަށް އަންގައިފި

ބ. ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މި މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން އަންގައިފި އެވެ.


ސީލް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބޮޑުފިނޮޅު ހެދުމުގެ މަސައްކަތް ކުރަމުންދާ ރިޒް ކުންފުނިން ބިދޭސީންނަށް މުސާރަ ނުދިނުމުން ބިދޭސީން ހަމަނުޖެހުން ހިންގައި، އެތަނުގެ މުދަލަށް ވަނީ ގެއްލުން ދީފަ އެވެ. އެކަމާ ގުޅިގެން ބައެއް ބިދޭސީން ހައްޔަރު ކޮށްފައިވާއިރު، ސީލް ކުންފުނިން ވަނީ އެރަށުގައި ތިބި ބިދޭސީން ބާލަން އަންގައިފަ އެވެ.

އެކަމާ ގުޅިގެން ރިޒް ކުންފުންޏަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ފޮނުވި ސިޓީގައިވަނީ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ މުވައްޒަފުންނާއި ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނީގެ މުވައްޒަފުން ފިޔަވައި ދެން ތިބީ ގަވާއިދާ ޚިލާފަށް އެކި ކުންފުނިތަކުގައި ނަމުގައި ގެނެސްފައި ތިބި ބިދޭސީން ކަމަށެވެ. އަދި އެ ހުރިހާ ބިދޭސީންނަށް ވެސް މުސާރަ ދެނީ ރިޒް ކުންފުނިން ކަމަށް އެ މީހުުން ބުނެފައިވާ ކަމަށާއި އެކަން ލިޔުންތަކުން އެނގޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެހެންވެ، ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަށް މުސާރަ ދިނުމަށް ފަހު އެކަން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީއާ ހިއްސާ ކުރުމަށާއި އަދި އެ އެންގުމާ ޚިލާފްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ސިޓީގައިވެ އެވެ.

އެކަމާ ގުޅިގެން ރިޒް ކުންފުނީގެ ފަރާތުން ލޯ ކްރާފްޓްގެ ވަކީލަކު ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު އެ ކުންފުނީގެ ފަރާތުން ލޭބާ ރިލޭޝަންސް އަށް ކުރިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ލޯ ކްރާފްޓްގެ ވަކީލް ވިދާޅުވި އެވެ. އަދި ބިދޭސީންނަށް މުސާރައިގެ މައްސަލަ ނިމިގެންދާން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބިދޭސީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ނިމުމުން ކަމަށް އެ ސިޓީގައި ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އެންގިއިރު، ބ. ތުޅާދޫ ކޯޓުން ވަނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުން ބާލަން ރިޒްގެ މައްޗަށް އަމުރެއް ވެސް ނެރެފަ އެވެ. އެކަމަކު މިހާތަނަށް އެ ބިދޭސީން ތިބީ އެރަށުގަ އެވެ.