ފްލައިޓުގައި އިންދައި ޕޮޒިޓިވްކަން އެނގުމުން ފުރުން ލަސްވެއްޖެ!

އާސަންދަ އެހީގައި ބޭހަށް އިންޑިއާއަށް މިއަދު ފޮނުވަން އުޅުނު މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު އިން ކަން އެނގުމާ އެކު ފުރުން ލަސްކޮށް، ފްލައިޓު ޑިސްއިންފެކްޓްކުރަން ފަށައިފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ން ބުނީ އިންޑިއާ އަށް ފޮނުވަން ނިންމި މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވްކަން އެނގުނީ ފްލައިޓް ފުރަން ތައްޔާރުވި ފަހުން ކަމަށެވެ. އެކަމަކު، އެ އެންމެން ފްލައިޓަށް އެރުވީ ދެ ދުވަސްކުރިން ޓެސްޓްކުރުމަށް ފަހު ކަމަށް އެތަނުން ބުންޏެވެ.

އެޗްއީއޯސީން ބުނި ގޮތުގައި ޓެސްޓް ހެދި އެންމެންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ނެގެޓިވްކަން އަނގަބަހުން ވަނީ އަންގައިފަ އެވެ. ދެ މީހެއްގެ ނަތީޖާ ލިބުނީ މިއަދު ހެނދުނު ކަމަށާއި ޕޮޒިޓިވްވީ އޭގެ ތެރެއިން އެކަކު ކަމަށް އެތަނުން ބުންޏެވެ.

އޭނާ ޕޮޒިޓިވްކަން އެނގުމާ އެކު އެންމެން ބާލުވައި ފުރުން ވަނީ ލަސްކޮށްފަ އެވެ. މިކަމުގެ ތަފްސީލެއް އާސަންދަ އިން އަދި ނުދެ އެވެ.

އެތަނުން ފޮނުވި މެސެޖުގައި ބުނީ އެކަކު ޕޮޒިޓިވްވުމުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ފްލައިޓް ޑިސްއިންފެކްޓް ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން މިއަދު އެ މީހުން ފުރުވާނެ ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.

އާސަންދަ އިން ބޭހަށް ފޮނުވާ އެންމެން ޓެސްޓް ކުރަނީ ފުރުމުގެ ދެ ދުވަސް ކުރިންނެވެ. އެ މީހުން ފްލައިޓަށް އަރުވަނީ ނަތީޖާ ނެގެޓިވްކަން ކަށަވަރުކުރުމަށް ފަހު އެވެ. އެކަމަކު، އާސަންދަ އިން ބޭހަށް އިންޑިއާ އަށް ދިޔަ ފަހުން ވެސް އެކަކު ޕޮޒިޓިވްވެފައިވެ އެވެ.

މި ދުވަސްވަރު އިންޑިއާއަށް މީހުން ފޮނުވަނީ އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮވިޑް-19އާ ގުޅިގެން އިންޑިއާ ވެސް އޮތީ ލޮކްޑައުންގަ އެވެ.

އިންޑިއާ އިން އެކަމަށް ދޭ ހާއްސަ ވިސާގެ އިތުރުން، ކޮވިޑް-19ގެ ބަލިމީހެއް ކަމަށް ވެގެން ނުވެ އެވެ. ރާއްޖޭގައި ޓެސްޓް ހެދުމުގެ އިތުރުން އިންޑިއާއަށް ދިއުމުން ވެސް ޓެސްޓް ހަދައި، އަދި ކަރަންޓީންގައި ވެސް ތިބެން ޖެހެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނި 137 މީހުން ޕޮޒިޓިވްވި އިރު އޭގެތެރޭގައި 92 ދިވެހިން ހިމެނެ އެވެ. މިހާތަނަށް މި ބަލި 2500 އަށް ވުރެން ގިނަ މީހުންނަށް ޖެހިފައިވާ އިރު 15 މީހުން ވަނީ މަރުވެފަ އެވެ.