ޔާމީނަށް ވަކީލުންނާ ބައްދަލުކުރަން ހުރަހެއް ނާޅަން: ކަރެކްޝަންސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރަން ހުރަސް އަޅާފައި ނުވާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން އެ ފުރުސަތު ދޭނެ ކަން އަންގާފައިވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނާ ޖަލުގައި ބައްދަލު ނުކުރެވޭ ކަމަށް އެމަނިކުފާނު ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފަ އެވެ. މި މަހުގެ 14 ވަނަ ދުވަހު ވަކީލުން ޖަލަށް ވަޑައިގަތުމުން އެ ފުރުސަތު ދޭން ކަރެކްޝަންސް އިން އިންކާރު ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ވަކީލުން އެމަނިކުފާނާ ބައްދަލު ކުރަން އެދި ހުށަހެޅި ފޯމާ ގުޅިގެން އަމަލު ކުރަންޖެހޭ ގޮތް ވަކީލުންނަށް ސާފުކޮށް ދީފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ކަރަކްޝަންސް އިން ބުންޏެވެ.

"ނަމަވެސް މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލު ނުކޮށް، ހަގީގަތް އޮޅޭ ފަދަ ގޮތަށް މައުލޫމާތު ފެތުރުމަކީ އެކަމާ މެދު މި ސާވިސް އިން ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ގައިދީންނާ ވަކީލުން ބައްދަލު ކުރުމަށް އެދޭ ފޯމް ކޮންމެ ވަގުތެއްގައި ވެސް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ކުރިއަށް ގެންދާއިރު، އެ މައްސަލާގެ އެންމެ ފަހުގެ އަޑުއެހުން ނިންމާލީ ވަކީލުންނާ އެކު ޔާމީނަށް ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ފަހު އިތުރު އަޑުއެހުމެއް ބާއްވާ ގޮތަށެވެ.

އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ކުރެ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.