އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

އައްޑޫގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހާއްސަ އެހީ އަށް ބޭނުންވާ، އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން މިހައިތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ މައްސަލަތައް ބަލައި އިންސާފު ގާއިމްކޮށްދިނުމަށް އެދި ބައެއް މަދަނީ ޖަމިއްޔާތަކުން ފަހަކަށް އައިސް މާލޭގެ މަގުތަކަށް ނުކުމެ އަޑު އުފުލި އެވެ. އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވަނީ ޖިންސީގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާ ފަރާތްތަކުގެ އަޑު އިވިވަޑައިގެންފި ކަމަށާއި މައްސަލައަށް ހައްލެއް ހޯދަން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.