ފުވައްމުލަކުގައި އެކްސިޑެންޓްވި ޒުވާނާ އަދިވެސް ކޯމާގައި، މާދަމާ ބޭރަށް ފުރުވާލަނީ

ޏ. ފުވައްމުލަކުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފަޅުގައި އޮތް ދޯންޏަކަށް ވެއްޓި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.


މި މަހުގެ 14 ވަނަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވުމުން އުމުރުން 18 އަހަރުގެ ޝަމީން ޖިހާދު ވަގުތުން މާލެ ގެނައި ނަމަވެސް، އޭރުން ފެށިގެން އޭނާގެ ހާލަތަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އޭނާ އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ސައިކަލު ގޮސް ދޯންޏަށް ވެއްޓުމާ އެކު ދޯނީގައި ޖެހިފައި ޝަމީން މޫދަށް ވެއްޓުނު އިރު ވެސް އޭނާގެ ހެޔެއް ނެތެވެ.

އެ އެކްސިޑެންޓުގައި ބޭރު ފުށުން އަނިޔާއެއް ލިބިފައި ނެތް ނަމަވެސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އަދި މާލެ ގެނައުމުގެ ކުރިން ދެތިން ފަހަރަކު ފިޓު ޖެހުނު ކަމަށް ވެސް ވެ އެވެ.

ޝަމީންގެ ބައްޕަ ޖިހާދު އަބްދުﷲ ބުނީ އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަަމަށާއި މާދަމާ ފުރުވާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ވެންޓިލޭޓަރުގައި އޮތަސް މިހާރު ކޮންމެވެސް ވަރަކަށް އަމިއްލައަށް ނޭވާ ލެވޭ. އެކަމަކު ހުއްޓުމެއް ނެތި، ރަނގަޅަށް ނޭވާ ނުލެވޭތީ މެޝިނުން ނެގޭ ވަރެއް ނުވޭ،" ޖިހާދު ބުންޏެވެ.

އައިޖީއެމްއެޗުގައި ނިއުރޯ ސާޖަންއެއް ނެތުމުން، އޭޑީކޭގައި ފަރުވާ ދޭން ޖެހުމުން ހޮސްޕިޓަލްގެ ބިލްތައް ދެއްކުމުގައި ޖިހާދުގެ އާއިލާއަށް ވަނީ އުނދަގޫވެފަ އެވެ.

އޭނާ ބުނީ އޭޑީކޭގެ އައިސީޔޫގެ ހިދުމަތާ އެކު ގިނަ ފަރުވާތައް އާސަންދައިން ކަވަރު ނުކުރާތީ ހޮސްޕިޓަލުގެ ބިލަށް ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި އެއީ އޭނާގެ އާއިލާއަށް ދެއްކޭވަރުގެ އަދަދަކަށް ނުވާތީ އާއްމުންގެ އެހީތެރިކަމަށް އެދުނެވެ.

"މާދަމާ ވެސް އައިސީޔޫގައި ބާއްވަން ޖެހޭތީ އަނެއްކާވެސް އެ އަދަދު މަތިވާނެ. ހޮސްޕިޓަލުގެ އަގު ނުދެއްކެނީސް އަޅުގަނޑުމެންނަށް އެތަނަކުން ނުއެއް ނިކުމެވޭނެ،" ޖިހާދު ބުންޏެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ޝަމީން އޭނާގެ 15 އަހަރުގެ ފިރިހެން ކޮއްކޮ ގޮވައިގެން ދުއްވާލަން ނިކުމެ އުޅެނިކޮށެވެ. އެކަމަކު އެކްސިޑެންޓްގައި އޭނާގެ ކޮއްކޮއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ. ސައިކަލަށް ވެސް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

- ޝަމީންގެ އާއިލާއަށް އެހީއެއް ދޭން ބޭނުން ނަމަ، ބީއެމްއެލް އެކައުންޓް 7701126119101 (ޖިހާދު އަބްދުﷲ، ފޯން ނަމްބަރު 9923631)