އާ ކޮވިޑް ކޭސްތަކުގެ ތެރޭގައި އަހަރު ނުވާ ދެ ކުދިން

މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަހަރު ނުފުރޭ ދެ ކުދިން ހިމެނޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.


އެޗްޕީއޭ އިން އާންމު ކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ހަ މަހުގެ އަންހެން ކުއްޖަކާއި ނުވަ މަހުގެ ފިރިހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން ފިރިހެން ކުއްޖާ އަކީ ކްލަސްޓާއަކާ ގުޅުންހުރި ކުއްޖެއް ކަމަށް ވިޔަސް، އަންހެން ކުއްޖާ އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ހުރި ކަމަކަށް އެޗްޕީއޭގެ މައުލޫމާތުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 3،950 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި 10 އަހަރު ނުފުރޭ 189 ކުއްޖަކު ވެސް ހިމެނެ އެވެ. މީގެ ކުރިން އުމުރުން އެންމެ ދެ ހަފުތާގެ ކުއްޖަކު ވެސް ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮވިޑް-19 ގައި ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވާއިރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ބަލި ޖެހޭ ކުޑަކުދިންނަށް ބޮޑުވަރު ނުވެ ސަލާމަތްވާކަން ފާހަގަކޮށްލެވެ އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން 17 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ އަދި ދެން ހިމެނެނީ ދާއިމީ އެކި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.