އަދީބުގެ ބޭސްފަރުވާ އަށް ހުރަސް ނާޅަން އެމްނެސްޓީން ސަރުކާރަށް އަންގައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ހައްގު އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދޭން އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށް އަންގައިފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެހެންވެ، އަދީބު މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.

އަދީބުގެ މައްސަލާގައި އެމްނެސްޓީން ސަރުކާރަށް އެންގި އެންގުމުގައިވަނީ އަނެއްކާވެސް އަދީބު ބަންދުގައި ހުންނެވިއިރު، ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން އަދީބު ހޯއްދަވަންޖެހޭ ފަރުވާ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުރަސް އަޅާފައި ވަނިކޮށް އެ ފުރުސަތު މި ސަރުކާރުން ދިނަސް، އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖެއިން ފަރުވާ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ އެންގުމުގައިވެ އެވެ.

ބަންދުގައި ތިބޭ މީހުންނަށް ވެސް އެކަށީގެންވާ ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ލާޒިމްކުރާ ކަމެއް ކަމަށާއި އެހެންވެ، އެއްވެސް ހުރަހެއް ނެތި ބޭސްފަރުވާގެ ހައްގު އަދީބަށް ފޯރުކޮށް ދިނުމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް، އެމްނެސްޓީން ފޮނުވި ސިޓީގައިވެ އެވެ.

އަދީބުގެ މައްޗަށް ކުރިން އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިޔަސް، މަތީ ކޯޓުތަކުން އެ ހުކުމްތައް އޮތީ ބާތިލްކޮށްފަ އެވެ. އެކަމަކު ފަހުން އެމްއެމްޕީއާރުސީގެ މައްސަލާގައި އިތުރު ހަތް ދައުވާއެއް އުފުލައި، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެ މައްސަލަތައް މި މަހު ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އަދީބު ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.