މާރުކޭޓުން ނެރެލުމުން ބިދޭސީންގެ ގޮޅިތައް މާލެ ތެރެއަށް!

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީންނަށް ނުތިބެވޭ ގޮތް މާލޭ ސިޓީ ކައުންސިލުން ހެދުމުން މާލޭގެ އެކި ސަރަހައްދުތައް އެމީހުންގެ ކުދިކުދި "މާރުކޭޓުން" ފުރެން ފަށައިފި އެވެ.


ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިއްކަން ހާއްސަކޮށްގެން މާލެ ތެރޭގައި މިހާރު ގިނަވަމުން ދާ ކުދިކުދި ގޮޅިތަކަކީ، އެއްބަޔަކު ދެކޭ ގޮތުގައި، އެ ބާވަތުގެ ވިޔަފާރީގައި ބިދޭސީންގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ހެއްކެކެވެ.

އެތަންތަން ހިންގާ ބައެއް ބިދޭސީން ބުނާ ގޮތުގައި ވިޔަފާރި ކުރަނީ ދިވެއްސަކާ ގުޅިގެންނެވެ. އެގޮތުން ގޮޅިން ލިބޭ ފައިދާގެ ބައެއް، އެމީހުންނާ ބައިވެރިވާ ދިވެހިންނަށް ދެ އެވެ. މިއީ މީގެ ކުރިން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވެސް ބިދޭސީން މަސައްކަތްކުރަމުން ދިޔަ ގޮތެވެ.

"ބޭބެ ގޮޅި ނަގާފައި އަޅުގަނޑަށް ދިނީ. ހުރިހާ މޭވާ އާއި ތަރުކާރީ މިގެންނަނީ އަމިއްލައަށް. އެކި ރަށްރަށުގައި ތިބޭނެ ބައިވަރު ރައްޓެހިން. އެމީހުން އެހީވަނީ،" މާލެ ތެރޭ "ގޮޅިއެއް" ހިންގަމުން އަންނަ ބަންގްލަދޭޝް މީހަކު ބުންޏެވެ.

މާލޭގެ ކުޑަ ފިހާރައެއްގެ ބޭރުގައި ހިންގާ ކުޑަ ތަނެއް-- ފޮޓޯ: މިހާރު

ކުރިން ހިންގަމުން އައި ކުދިކުދި ފިހާރަތަކާއި ގަރާޖު ފަދަ ބައެއް ތަންތަން ކޮވިޑް-19އާ ގުޅިގެން ބަންދުކުރި އެވެ. އެކަމަކު މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުގައި ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ކޮންޓްރޯލްކުރި ބަންގްލަދޭޝް މީހުންނަށް އެއީ ހުޅުވުނު އާ ފުރުސަތެކެވެ. އެހެންކަމުން އެ ތަންތަން މިހާރު ވަނީ މާރުކޭޓް ގޮޅި ފަދަ ތަންތަނަށް ބަދަލުކޮށްލައިފަ އެވެ.

މީގެ ގިނަ ތަންތަން ހިންގަނީ ގަނޑުކޮށް ސަޕްލައި ކުރަން ހުއްދަ ނަގައިގެންނެވެ. ރަޖިސްޓްރީ ހަދާފައި އޮންނަނީ ކޮންމެވެސް ދިވެއްސެއްގެ ނަމުގަ އެވެ.

މާލެ ތެރޭގައި މި "ގޮޅިތައް" ގިނަވަމުން ދިއުމާ އެކު އޭގެ ނުބައި އަސަރު ލޯކަލް މާރުކޭޓުގެ ވިޔަފާރިއަށް ކުރާ ކަމަށްވެ އެވެ. ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަށް ދާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކުރިން އަބަދުހެން ތޮއްޖެހިފައި އޮންނަ މާރު ކޭޓުން މިހާރު ފެންނަނީ ފަޅުކަމެވެ.

ދަތުރުވެރިންގެ މާރުކޭޓް: މިހާރު މުޅި މާރުކޭޓު ފެންނަނީ ފަޅުކޮށް-. ފޮޓޯ: ނިޝާން އަލީ/މިހާރު

ލޯކަލް މާރުކޭޓުގައި ގޮޅިއެއް ހިންގަމުން އަންނަ މީހަކު ބުނީ ކޮވިޑް-19އާ ގުޅިގެން މާރުކޭޓު ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ފަހުން ވިޔަފާރި ވަރަށް ބޮޑަށް ދަށް ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ކުރިން އެ ވިޔަފާރި ކޮންޓްރޯލްކުރަމުން ގެންދިޔަ ބިދޭސީން މާލޭގެ އެކި ސަރަހައްދުތަކުގައި ތަންތަން ހިންގަމުން އައުން ކަމަށް ވެސް، އޭނާ ބުންޏެވެ.

ބަންގްލަދޭޝްގެ މި މީހުންގެ ނުފޫޒު ވަނީ މުޅި ރާއްޖެއަށް ފެތުރިފަ އެވެ. ރަށްރަށުގައި ދަނޑުވެރިކަން ކުރަން ވެސް ގިނައިން އުޅެނީ ބިދޭސީންނެވެ. އެހެންކަމުން އެ މީހުންނާއި މާލޭގައި ވިޔަފާރިކުރަން ހަރަކާތްތެރިވާ ބިދޭސީންނާ އޮންނަ ގުޅުން ބޮޑެވެ. އޭގެ ނަތީޖާއަކީ، މާރުކޭޓް ގޮޅިތަކުގައި ތިބި ދިވެހިންނަށް ތަކެތި ލިބުމުގައި ވެސް ދަތިތައް ކުރިމަތިވުމެވެ.

"ރަށްރަށުން މާލެއަށް ގިނަ އެއްޗެހި ގެންނަނީ ވެސް އެމީހުން. އެމީހުން ނަގާފައި ބާކީވާ ބައި އަހަރުމެންނަށް މި ލިބެނީ،" ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިއެއް ހިންގަމުން އަންނަ މީހަކު ބުންޏެވެ.

"އެމީހުން މުޅި މި ބައި ކޮންޓްރޯލް ކުރަނީ. މީގެ ސަބަބުން އަހަރުމެންނަށް ވަރަށް ދަތިވޭ."

މާލެއަށް ގެންނަ ތަކެތި ބަލާ ބިދޭސީން ބަނދަރު މައްޗަށް އެއްވެ ތިބި ވީޑިއޯއެއް--

މާރުކޭޓުގެ ގޮޅިތަކުގައި ހުންނަ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވެސް، ބިދޭސީން ހިންގާ ގޮޅިތަކަށް ވުރެ މާ މަދެވެ. އެކަމަކު ސާފުތާހިރުކަން ކުޑައީ ބިދޭސީންގެ ގޮޅިތަކުގަ އެވެ.

އެއްބަޔަކަށް މިއީ ލުޔެއް!

ލޯކަލް މާރުކޭޓުގައި ވިއްކާ ތަކެތި މާލެތެރެއިން ލިބެން ހުރުމުން އެއްބަޔަކަށް އެއީ ވަރަށް ބޮޑު ފަސޭހައެކެވެ. އެކަކު ބުނީ ކޮންމެ ފަހަަރަކު މާރުކޭޓަށް ދާން އުނދަގޫ ކަމަށާއި ގޭ ކައިރިން އެ ބާވަތްތައް ލިބެން ހުރުމުން މިހާރު ކޮންމެ ދުވަހަކު ވެސް ވިޔަފާރިކުރެވޭ ކަމަށެވެ.

"ކުރީގައި މަހަށް ވާ ވަރަށް ނޫނީ ހަފްތާއަކަށް ވާ ވަރަށް މިޖެހެނީ އެއްޗެހި ގަންނަން. އެކަމަކު މިހާރު ކިހާ ފަސޭހަ، ތާޒާކަމާ އެކު އެ ދުވަހުގެ ތަރުކާރީ އެ ދުވަހު ކާލެވޭ،" ބިދޭސީން ހިންގާ ކުޑަ ގޮޅިއަކުން ވިޔަފާރި ކުރަން ގޮސް ހުރި މީހަކު ބުންޏެވެ.

މާލެތެރޭގައި މިހާރު ހިންގަމުން އަންނަ ގޮޅިއެއް: މި ވިޔަފާރީގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގައި -- ފޮޓޯ: މިހާރު

އެހެން މީހަކު ބުނީ މާރުކޭޓުން ވިއްކާ ތަކެއްޗާ އަޅާބަލާއިރު ބިދޭސީންގެ ގޮޅިތަކުން ލިބޭ ތަކެތި އަގު ވެސް ހެޔޮ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދުރު ތަންތަނަށް ދާން ބޭނުންނުވާ މީހުންނަށް މިއީ އޮތް ހައްލެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު މިއޮތް މާހައުލުގައި ގެއިން ބޭރަށް ނުކުންނަން ވެސް މިތިބެނީ ބިރުން. ދެން ކިހިނެއް މާރުކޭޓަށް ދަނީ އެއްޗެހި ގަންނަން؟ އަނެއްކާ މާރުކޭޓަކީ ތޮށްޖެހިފައި އޮންނަ ތަނެއް. އެއަށް ވުރެ ރަނގަޅެއްނު ކައިރި ތަންތަނުން އެއްޗެހި ގަތީމަ،" އޭނާ ބުންޏެވެ.

މި ގޮޅިތައް ނުހުއްޓުވެނީ ކީއްވެ؟

މާލޭގެ އެކި ތަންތަނުގައި ބިދޭސީން ގޮޅިތައް ހިންގަމުން އަންނަކަން ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ވެސް އެނގެ އެވެ. ސާފުތާހިރުކަން ކުޑަ ނަމަވެސް ފިޔަވަޅު އެޅޭތަނެއް ނުފެނެ އެވެ. އޭގެ ގޮޅިތައް ދަނީ ގިނަވަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެތަންތަން ހިންގަނީ ވިޔަފާރި ކުރުމުގެ ނަމުގައި ދިވެއްސެއްގެ ނަންމަތީ ރަޖިސްޓްރީ ކޮށްގެން ކަމަށެވެ. މިހާރު އޮތް ގޮތުން އެތަންތަން ބެލެހެއްޓޭނެ އުސޫލެއް ކައުންސިލްގައި ނެތް ކަމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީން ވިދާޅުވި އެވެ.

މާލެ ތެރޭގައި ބިދޭސީއަކު ހިންގާ ގޮޅިއެއް: އެ ފުރުސަތު ލިބެނީ ގާނޫނުގައި އޮތް ހުސްކަމެއްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވޭ-- ފޮޓޯ: މިހާރު

އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި އެފަދަ ތަންތަން ހިންގުން ހުއްޓުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ހުރުމެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބިދޭސީންނަށް އެ ފުރުސަތު ލިބެނީ ގާނޫނުގައި އޮތް ހުސްކަމެއްގެ ސަބަބުންނެވެ.

އެފަދަ ވިޔަފާރިތައް ހުއްޓުވުމުގެ ގޮތުން ބިދޭސީންނާ ބެހޭ ގާނޫނާއި ގަވާއިދަށް ބަދަލުގެންނާނެ ކަމަށް ވެސް، ފައްޔާޒު ވިދާޅުވެފައިވެ އެވެ. ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމުން، އޭނާ ވިދާޅުވި ގޮތުގައި، އެއީ ސީދާ ބިދޭސީން ހިންގާ ވިޔަފާރިތަކެއްކަން ކަނޑައަޅަން ދަތިވެ އެވެ.

"ހަގީގަތުގައި ދަންނަވަންތޯ މީގެ ގިނަ ތަންތަނަށް ބަލާއިރު ދިވެއްސެއްގެ ނަމުގައި އިނގޭތޯ އެ މަސައްކަތް ކުރަމުން ދަނީ. އެހެންވެ މިއީ ވެސް ފަސޭހަ ކަމެއް ނޫން. އަޅުގަނޑުމެން ކިހިނެއްތޯ ނިންމާނީ އެއީ ބިދޭސީއެއްގެ ތަނެއްތޯ. ނަން މި އޮންނަނީ ދިވެއްސެއްގެ ނަމުގައި،" ފައްޔާޒު ވިދާޅުވި އެވެ.