ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!

ކޮވިޑް-19އާ ހެދި ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ބޯޑަރު އަލުން ހުޅުވާލައި ޓޫރިސްޓުން ގެންނަން ފަށާފައިވާ އިރު ޓޫރިޒަމް މިިނިސްޓަރަކު އައްޔަން ނުކޮށް ލަސްވުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.


ކެބިނެޓުގައި ވަޒީރުން ތަމްސީލް ކުރައްވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ކަން ފާހަގަކުރައްވައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލެއްވީ ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރުމަށެވެ. ޓޫރިސްޓުން ރާއްޖެ އަންނަން ފަށާފައިވާ އިރު މި ހާލަތުގައި ޒިންމާ އުފުއްލަވާނެ ވަޒީރަކު ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރަކު ނެތި އެ ވުޒާރާ ހިންގާތާ އަންނަ އާދީއްތަ ދުވަހަށް މަހެއް ވާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 9 ގައި ވަކިކުރީ ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތާ އެކުގަ އެވެ. އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އެކަން ނުކުރެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.

އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހަތަރު މަސް ވަންދެން ބޯޑަރު ބަންދުކޮށްގެން ތިބުމަށް ފަހު މިދިޔަ މަހުގެ 15 ގައި އަލުން ހުޅުވާލި އިރު، ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރެއްވީ ފައްޔާޒްގެ ބެއްލެވުމުގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ދެން ވަޑައިގަންނަވާނެ ބައެއް ބޭފުޅުންނާ މެދު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރިޔަސް ސަރުކާރާއި ކޯލިޝަންގެ ޕާޓީއަކުން ވެސް މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްޗެކޭ ނުބުނެ އެވެ. ކުރިން ވެސް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްފައިވާ ޓޫރިޒަމަށް ދެން ވެސް ވަޑައިގަންނަވާނީ އެ ޕާޓީގެ ބޭފުޅެއް ކަމަށް ވެސް އޮތީ އަޑުއަރައިފަ އެވެ.

އެގޮތުން ދެން އެ މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވާނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު، ދުވަސްކޮޅު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް ކަމަށް ސިޔާސީ ބައެއް މީހުން ޔަގީންކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ޑރ. މައުސޫމް މިހާރު ހުންނެވީ ރާއްޖެ އިން ސިންގަޕޫރަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގަ އެވެ.

އާއިލީ ބޭނުމެއްގައި ޑރ. މައުސޫމް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރާއްޖެ ވަޑައިގެން މިހާރު އެބައުޅުއްވަ އެވެ. އޭނާގެ ކަރަންޓީންގެ މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ލަސްނުވެ ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރައްވާނެ ކަމަށެވެ. ރައީސް އެކަން ކުރައްވާނީ ބައްލަވަން ޖެހޭ ހުރިހާ ކަމަކަށް ބެއްލެވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސީދާ ދަންނަވާކަށެއް ނޭނގެ ތާރީޚެއް، ދެން މި ވީހާ ދުވަހެއް ނުވެ މިނިސްޓަރަކު އައްޔަން ކުރައްވާނެ،" ހޫދު ވިދާޅުވި އެވެ.

މަގާމުން ވަކިކުރި އަލީ ވަހީދާ ދެކޮޅަށް 13 މުވައްޒަފަކު ވަނީ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ތަހުގީގުގައި އަލީ ވަހީދުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އެކަމަކު އޭނާ ވިދާޅުވެފައި ވަނީ، ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށާއި އިންސާފުވެރި ތަހުގީގެއްގައި، ކުށް ނުކުރާކަން ސާފުވާނެ ކަމަށެވެ.