ސުޕްރީމް ކޯޓަށް އަލީ ރަޝީދުގެ ނަން ހުށަހެޅުއްވުމުން އިދިކޮޅުން ފާޑުކިޔަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ގާޒީ އަލީ ރަޝީދު ހުސައިން އައްޔަން ކުރުމާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް އެދިވަޑައިގަތުމުން އިދިކޮޅުން އެކަމަށް ފާޑު ކިޔައިފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް އަލީ ރަޝީދުގެ އިތުރުން ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފައެއް ހޯދަން ރައީސް ވަނީ ފޮނުއްވައިފަ އެވެ.

ގާނޫނީ ދާއިރާގެ ތަޖުރިބާ ބޮޑު ގާޒީ އަލީ ރަޝީދަކީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާޒީ އަލީ ރަޝީދު، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ނިންމަވައި ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވީ ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ދެއްކެވި ވާހަކައަށް ރިއާޔަތް ކުރެއްވުމެއް ނެތި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމަކީ ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހެއްދެވި ޑީލެއް ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

މިގޮތަށް އަލީ ރަޝީދަށް ތުހުމަތުކުރި ނަމަވެސް ޔާމީނަށް ހުކުމް އިއްވީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓް

ފަސް ފަނޑިޔާރުންގެ ހުކުމަކީ އަލީ ރަޝީދު ކުރެއްވި ހުކުމެއް ކަމަށް އިޝާރާތް ކުރައްވައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް ވިދާޅުވީ ޔާމީނަށް ނުޙައްގު ހުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރަށް ދިނުމަށް ރައީސް ނިންމެވީ ކަމަށާއި އެހެންވެ އެ ހުކުމަށް ރައީސް ނުފޫޒު ފޯރުއްވިކަން ޔަގީންވާ ކަމަށެވެ.

"ރައީސް ސޯލިހްގެ މި ނިންމެވުމުން ޔަގީން ވަނީ، ރައީސް ޔާމީނަށް ނުހައްގުން ގަސްތުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ސޯލިހް ކަން. .އަދި މި ސަރުކާރުން ކޯޓުތަކަށް ހަތަރެސް ފަޔާއި ބޮލާއި ލޯ، ވެސް ބާނާފައިވާކަން،" އަބްދުއްރަހީމްގެ ޓްވީޓްގައިވެ އެވެ.

ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި އޭރު ކްރިމިނަލް ކޯޓްގެ އިސް ގާޒީކަމުގައި ހުންނެވި އަހުމަދު ހައިލަމް ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދަވައި ވިދާޅުވެފައިވަނީ މިއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާއާ ހިލާފަށް ވަކި މައްސަލައެއް ނަގައިގެން އަވަހަށް ނިންމާލުމުން ލިބުނު ހަދިޔާތޯ އެވެ.

"އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް ބޭފުޅުންނާއި ޕާޓީގެ އެކްޓިވިސްޓުން ދައުލަތުގެ އެންމެ މަތީ ކޯޓަށް އައްޔަންކޮށްގެން ޖުޑިޝަރީ އިސްލާހުވޭތޯ؟،" ޔާމީންގެ މައްސަލައިގެ ހުކުމާ ހިސާބަށް ގޮސްފައި އޮއްވައި ސަސްޕެންޑްކުރުމުން އިސްތިއުފާ ދެއްވި ހައިލަމް ޓްވީޓްގައިވެ އެވެ.

ހައިލަމް ކުރެއްވި ޓްވީޓް

ހައިލަމް ސަސްޕެންޑްކުރީ މިނިވަން ދުވަހުގެ ތަހުނިޔާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައި ދަމާފައި ގެންދާ ފޮޓޯއަކުން ތަހުނިޔާ ފޮނުއްވި މައްސަލަެއްގަ އެވެ. އެ މައްސަލަ ބަލަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޖެނުއަރީ 25، 2018 ގައި އައްޔަންކުރެއްވި ހައިލަމަށް އެ އަހަރުގެ މެއި 28 ވަނަ ދުވަހު ވަނީ އިސް ގާޒީކަން ދެއްވައިފަ އެވެ. މިއީ އޭރު ސަރުކާރާ ދެކޮޅު މީހުންގެ މައްޗަށް ކުރި ހުކުމްތަކާ ގުޅިގެން ދިން އިނާމެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. ހަމަ އެގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުންނަށް ވެސް މަތީ ކޯޓުތަކުން ފަހުން ވަނީ ފަނޑިޔާރުކަން ދީފަ އެވެ.