ފައްޔާޒްގެ ވޯޓަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ޝޯއެއް: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅަކީ މި ވެރިކަމުގެ ނާގާބިލުކަން ރައްޔިތުންނަށް ދައްކައި، އޮޅުވައިލަން ބައިބަހައިގެން ކުޅޭ ސިޔާސީ ޑްރާމާއެއްގެ ގޮތުގައި، އިދިކޮޅުގެ ބައެއް މެމްބަރުން ސިފަކުރައްވައިފި އެވެ.


ކޯލިޝަން ސަރުކާރުގެ ކެބިނެޓުގައި ޕާފޯމަންސް އެންމެ ރަނގަޅު އެއް ވަޒީރުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ ފައްޔާޒގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުއްލި ގޮތަކަށް ނިންމައި މެމްބަރުންގެ ސޮއި ހޯދަން ވަނީ ފަށައިފަ އެވެ. މަޖިލީހުގެ ރައީސާ އެކު 65 މެމްބަރުންގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ވިއްސަށް ވުރެ ގިނަ މެމްބަރުން ވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިހާތަނަށް ސޮއިކުރައްވައިފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ނަޝީދެވެ. އަދި އެ ލިޔުމުގައި އެންމެ ފުރަތަމަ އޮތީ ވެސް އެ މަނިކުފާނުގެ ސޮޔެވެ.

އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިން އެކަމާ ދެކޮޅަށް ފާޅުގައި ބައެއް މެމްބަރުން ތެދުވެވަޑައިގެން ފައްޔާޒަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް މެމްބަރުންތަކެއް: ވޯޓު ނަގަން އުޅެ މަޖިލިސް ހަލަބޮލިވުން ނޫން ކަމެއް ނުވާނެ ކަމަށް އިދިކޮޅުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ. --ޕީޕީއެމް

މިއީ ސަރުކާރުގެ ބަލިކަށިކަން ރައްޔިތުންނަށް އޮޅުވައިލަން ދެބަޔަށް ބެހިގެން ކުރާ ކަމެއްގެ ގޮތުގައި، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ތަމްސީލް ކުރައްވާ މެމްބަރުން ސިފަކުރެއްވީ އެހެންވެ އެވެ.

މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެއީ އާދައިގެ މަތިން އެމްޑީޕީން ކުޅޭ ކަހަލަ ޝޯއެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތާއި ސަރުކާރުން ރައްޔިތުންނަށް ވައުދުވި ކަންކަން ފުއްދުމުގައި ނާގާބިލްވެފައި އޮތް ވަރު އޮޅުވައިލަން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުން އިތުރަށް ހާމަވުން ފިޔަވައި ރައްޔިތުންނަށް އިތުރު ފައިދާއެއް ނެތެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވެސް ވިދާޅުވީ ފައްޔާޒުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅެނީ ރައްޔިތުންގެ ފޯކަސް ގެއްލުވައިލަން ކަމަށެވެ. މަޖިލީހަށް މައްސަލަ ހުށަހަޅައި އެކަން ހިނގަން ފެށުމުން ރައްޔިތުންގެ ސަމާލުކަން އެކަމަށް ހުއްޓޭނެ ކަން ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ ގައުމުގެ މިސްރާބު ނުކިއްސަރު ކަމަށެވެ. އޭނާ އެދިވަޑައިގަތީ ރައްޔިތުން ހޭލުމަށެވެ.

"އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ނޯ ކޮންފިޑެންސް މޯޝަންގެ ވާހަކަ އަކީ ކުޅޭ ޑްރާމާއެއް. ސަރުކާރުގެ ނާގާބިލުކަމުގެ ނާޖާއިޒު ފައިދާ ނަގާ ބައެއްގެ ދަންމަޅިތަކެއްގެ ބޮޑު ބޮޅެއް އިތުރުވާތީވެ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ނަގަން އުޅޭ ވޯޓުތަކުން މަޖިލިސް ތެރެ ހަލަބޮލިވެ، ސަރުކާރު އިތުރަށް ބަލިކަށިވުން ނޫން ކަމެއް ނުވާނެ އެވެ. އޭނާ މިހެން ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ސޮއި ހޯދާއިރު، މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހޯދަން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވުމަށް ފަހު އެވެ.

"ރައީސް ނަޝީދާއި މިނިސްޓަރު ފައްޔާޒްގެ ނޯ ކޮންފިޑެންސް! ސަރުކާރު ވިލާގަނޑެއްގެ ދަށުގައި. އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމުން އެ މަގާމުގެ އޮތޯރިޓީ އެކްސަސައިޒް ކުރަން ދަތިވާނެ. ސަރުކާރު އިތުރަށް ބަލިކަށިވާނެ،" އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައިވެ އެވެ.

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރަން އުޅޭ ސަބަބެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ. މައްސަލައިން ދިފާއުވެވަޑައިގަތުމަށް ފައްޔާޒު ވިދާޅުވެފައި ވަނީ އޭނާ މަގާމުން ދުރުކުރަން ޖެހޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ކުރައްވާފައެއް ނޯންނާނެ އެވެ.

"އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހުރިހާ ކަމެއް މި ކުރަނީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރަން. އަޅުގަނޑު ހީކޮށްގެން މި ހުރީ ވަރަށް ރަނގަޅަށޭ އަޅުގަނޑަށް މަސައްކަތް މި ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މިހާރު މި ހުރީ [އިތުބާރު ނެތްކަމަށް ފާސްކުރަން ސޮއި ހޯދާތީ] ވެގެން އުޅޭ ގޮތެއް ނޭނގިފައި. އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ވެސް އެނގިފައެއް ނެތް." ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާ ނިސްބަތްވާ އެމްޑީޕީގެ ތެރެއިން އެވަރުގެ ކަމެއް ކުރިއަށް ގެންދާއިރު، ކުރިން ހިއްސާކުރި ނަމަ ރަނގަޅުވީހެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ.