ވެންޓިލޭޓަރު ގަތުމުގައި ދުބާއީ ކުންފުންޏާ އެކު ސީދާ މަކަރާއި ހީލަތް!

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.


ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް، މިއަދު އާންމުކުރި އޮޑިޓް އޮފީހުގެ ޚާއްސަ އޮޑިޓުން ހާމަވަނީ އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމެވެ.

އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށް ހެލްތުން ބުނަމުން އައި ވާހަކަ ވެސް އޮޑިޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.

މާލީ އަދި ފަންނީ ގާބިލްކަމެއް ނެތް ކުންފުންޏެއް!

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިއަދު އާއްމުކުރި އޮޑިޓުގައި، ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރި މުއާމަލާތް ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައި މައްސަލައިގެ އެކަށީގެންވާ ތަހުގީގެއް ހިންގަން ވަނީ ލަފާ ދެއްވައިފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.

ތަހުގީގުގައި އޮޑިޓް އޮފީހުން ބެލިއިރު އެ ކުންފުނީގެ ވެބްސައިޓެއް ވެސް ނެތެވެ.

ވެންޓިލޭޓަރު ގަތުމުގައި ބީލަމަށް ނުލައި އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި އެދުމުން އެތަނުން އެންގީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ގެނެވިދާނެ ފަދަ ގާބިލްކަމެއް ހުރި ބައެއްތޯ ބިޑް ކޮމިޓީން ވެސް ބަލާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ދުބާއީގެ މި ކުންފުނީގެ ވެރިޔާ އަކީ ހަމުގެ ކްލިނިކެއް ހިންގާ މީހެކެވެ. ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމުގެ ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ހުރި ބައެއް ނޫނެވެ.

ހެދީ ބޮޑު ދޮގެއް! ޑަބްލިއުއެޗްއޯއާ މުއާމަލާތެއް ނުކުރޭ!

ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރުމުގައި ނާޖާއިޒު ފައިދާތަކެއް ހޯދައިދޭން އުޅުނު ކަމުގެ ތުހުމަތު އާއްމުވުމާ އެކު ދިފާއުގައި ނުކުމެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ކަމަށެވެ. އެކަމަކު އޮޑިޓް ރިޕޯޓުގައި ވަނީ އެއީ ބޮޑު ދޮގެއް ކަން ހާމަވާ ވަރަށް ޑަބްލިއުއެޗްއޯއާ ހަވާލާދީ މައުލޫމާތު ހިމަނައިފަ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ ޑަބްލިއުއެޗްއޯއިން ރެކޮމެންޑް ކުރި ފަރާތެއް ނޫން. --އޮޑިޓް

އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ ރިކޮމެންޑެޑް ސަޕްލަޔަރެއް ކަން ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ވާހަކަ ދައްކާފައިވާ ކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހެލްތު މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިއުންތަކުގައި ވެސް އެ ގޮތަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

ރިޕޯޓުގައި ބުނީ ބީލަމަށް ނުލައި މަޝްރޫއު ހަވާލުކުރުމުގެ ހުއްދައަށް ހެލްތުން ފިނޭންސްގައި އެދުނު ސިޓީގައި ވެސް އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށާއި އެއީ ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ކަމުގައި ބުނެފައިވާ ކަމަށެވެ.

"މިނިސްޓްރީ އޮފް ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް އެޕްރީލް، 1، 2020 ގައި ފޮނުވި މެމޯގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައި ވަނީ މިނިސްޓަ އޮފް ހެލްތާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާ އިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ،" އޮޑިޓުގައިވެ އެވެ.

"...އެ އީމެއިލަކީ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުގެ ނެޝަނަލް ޕްރޮފެޝަނަލް އޮފިސަރު މާޗް، 31، 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް އަށް ފޯވާޑްކޮށްފައިވާ އީމެއިލެކެވެ. ..އީމެއިލްގެ އަސްލަކީ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުގެ އެޑްމިނިޓްރޭޓިވް އޮފިސަރު، ކަންޓްރީ ރެޕްރެޒެންޓޭޓިވް އަށް ފޮނުވާފައިވާ އީމެއިލެކެވެ."

އޮޑިޓުގައި ބުނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ އެއްވެސް މުއާމަލާތެއް ޑަބްލިއުއެޗްއޯއާ ހެލްތު މިނިސްޓްރިއާ ދެމެދު ކުރެވިފައި ނުވާ ކަމަށެވެ. އެ ޖަމިއްޔާ އިން ގަބޫލުކުރާ ސަޕްލަޔަރުންގެ ލިސްޓެއް ވެސް ހެލްތު މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވެ އެވެ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހިމެނޭ ގޮތުން ވަކި ފަރާތަކުން ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯ އިން ހެލްތު މިނިސްޓްރީ އަށް އިރުޝާދު ދީފައި ނުވާ ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ ދުބާއީގެ އެ ކުންފުންޏަކީ އެއްވެސް އިރެއްގައި ޑަބްލިއުއެޗްއޯ އިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. އެންމެ ކުޑަމިނުން، ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް ވެސް ޑަބްލިއުއެޗްއޯ އިން ހެލްތަށް ދީފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ ދިން!

ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް ބާރުއަޅައި އެއްވެސް ގެރެންޓީއެއް ނުހޯދައި ހެލްތުން ވަނީ ދުބާއީ ކުންފުންޏަށް އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް ފައިސާ ދޫކޮށްފަ އެވެ. އެއީ 30.9 މިލިއަން ރުފިޔާ އެވެ. މި ފައިސާ ދޫކޮށްފައި ވަނީ އޮޑިޓުގައި ބުނެފައިވާ ގޮތުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ.

ވެންޓިލޭޓަރުތައް ނުލިބެނީސް އެ ފައިސާ، ފިނޭންސްގެ ހުއްދައާ އެކު ހެލްތުން ދޫކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއެއް ނުހޯދައި މަޝްރޫއުގެ ހުރިހާ ފައިސާއެއްހެން އެ ކުންފުންޏަށް ދޫކުރުމަކީ އަނބުރާ އެ ފައިސާ ހޯދަން ދަތިވާނެ ކަމެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެ ކުންފުންޏަށް ފައިސާ ދޫކުރީ ހެލްތު މިނިސްޓްރީއާ ހަވާލާދީ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެޑްވާންސް ޕޭމަންޓްގެ ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވަކި މުއްދަތެއްގެ ތެރޭގައި ވެންޓިލޭޓަރުތައް ރިޒާވްނުކޮށްފި ނަމަ ނުލިބިދާނެތީ އެވެ. އަދި ވެއާހައުސް ޗާޖެއްގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ދުބާއީގެ ކުންފުނިން ބުނުމުންނެވެ.

"ނަމަވެސް 'ޕްރޫޑެންޓް މޭން ރޫލް' ނުވަތަ އާއްމު ބުއްދީގެ ހަމަތަކަށް ރިއާޔަތްކުރާ އިރު ކުރިން އެ ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް ކޮށްފައި ނުވާ ފަރާތަކަށް މާލީ އަދި ފަންނީ ގާބިލްކަން ވަޒަން ނުކޮށް ގިނަ އަދަދެއްގެ ފައިސާ ބޭންކް ގެރެންޓީއެއް ނުހޯދާ ނުވަތަ ބޭންކަކުން ލެޓާ އޮފް ކްރެޑިޓް ފެސިލިޓީއެއް އިންތިޒާމްނުކޮށް، އެ މީހެއްގެ އަމިއްލަ ފައިސާ އެޑްވާންސަށް ދުލެއް ނުކުރާނެ އެވެ." އޮޑިޓުގައިވެ އެވެ.

ވެންޓިލޭޓަރުތައް ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅެން ޖެހިފައިވާ ކަމަށް ދުބާއީ ކުންފުނިން ބުނި ވާހަކަ ހެލްތުން ގަބޫލުކުރި ކަމާ މެދު އޮޑިޓުގައި ސުވާލު އުފައްދާފައިވެ އެވެ. ގުދަނުގައި ޝިޕްކުރެވޭ ހާލަތުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް އެ ކުންފުނިން ބުންޏަސް އެއީ ހެލްތުން ސައްހަކަން ކަށަވަރުކުރަން ޖެހޭ ފަދަ ވާހަކައެއް ކަން އޮޑިޓުގައިވެ އެވެ.

އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއާ މެދު އެޓާނީ ޖެނެރަލްގެ ލަފައެއް ހެލްތުން ހޯދިޔަސް އެ ލަފާދިން ގޮތަށް ފިނޭންސްގެ ހުއްދަ ހޯދާފައި ނުވާ ކަން އޮޑިޓުގައިވެ އެވެ.

"75 ވެންޓިލޭޓަރު ފޯރުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލީ"

ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އެ ކުންފުނިން އެއްބަސްވީ ދެ ހަފުތާ ތެރޭގައި އެ ތަކެތި ފޯރުކޮށްދޭށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ ހަތަރު މަސް ވި އިރު ވެސް ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީއާ ހަވާލެއް ނުކުރެވުނެވެ.

ވެންޓިލޭޓަރުތައް ހަމައަށް ހަވާލުނުކުރުމަކީ އޮޑިޓް އޮފީހުން ތުހުމަތުކުރާ ގޮތުގައި އެގްޒެކިއުޓާސް އިން މިކަމުގައި އޮޅުވާލާފައިވުމެވެ.

"ވެންޓިލޭޓަރުގެ ޑިމާންޑް މުޅި ދުނިޔޭގައި ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހީލަތްތެރި އޭޖެންޓުންނާއި އޭޖެންޓުން ކަމަށް ހެދިގެން އުޅޭ ހީލަތްތެރިން ގިނަވާނެ އެވެ. އެހެންކަމުން ދައުލަތުގެ މާލީ ކަންކަމާ ހަވާލުވެގެން ތިބޭ ފަރާތްތަކުން ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކުރުމަށް އިތުރަށް ސަމާލުވުމަކީ އެ ފަރާތްތަކުގެ ޒިންމާއެކެވެ،" އޮޑިޓުގައިވެ އެވެ.

ގެނައީ ބޭނުން ހިފޭ ވެންޓިލޭޓަރުތަކެއް ވެސް ނޫން!

އެއްބަސްވި ތާރީޚަށް ވުރެން މާ ފަހުން ވެންޓިލޭޓަރުތައް ރާއްޖެ ގެނައިއިރު، އެ ތަކެއްޗަކީ އެއްބަސްވީ ތަކެއްޗެއް ވެސް ނޫނެވެ. ބިޑް ކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރުތަކާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތު ކަމަށް އޮޑިޓުގައިވެ އެވެ.

އޮޑިޓުގައި ބުނީ އެގްޒެކިއުޓާސް އިން ސަޕްލައިކުރަން ހުށަހަޅާފައިވާ ޕޯޓަބަލް ވެންޓިލޭޓަރުތަކަކީ ވެއިންމަން ކިޔާ ބްރޭންޑެކެވެ. އެކަމަކު ސަޕްލައިކުރަން ހުށަހަޅާފައިވާ އައިސީޔޫ ވެންޓިލޭޓަރަކީ ޑްރިގާ ބްރޭންޑުގެ ތަކެތި ކަން އޮޑިޓަށް ލިބިފައި ހުރި ލިޔުންތަކުން ފާހަގަވާ ކަމަށެވެ.

ދުބާއީ ކުންފުނިން މިހާތަނަށް ފޯރުކޮށްދީފައި ވަނީ 11 ވެންޓިލޭޓަރެވެ. އެ ތަކެތި ހެލްތު މިނިސްޓްރީގެ ގުދަނުގައި އެބަހުރި ކަމަށާއި އެތަކެތީގައި އެއްބަސްވި ފީޗާސްތަކެއް ނެތް ކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ވެންޓިލޭޓަރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނޭރުން ހިމެނޭ ޓީމަކުން އެކުލަވާލި ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ. އެ ޓީމުން ލަފާދީފައި ވަނީ، އޮޑިޓު އޮފީހުން ބުނިގޮތުގައި، އެ ވެންޓިލޭޓަރުތަކުގެ ބޭނުން ނުހިފޭނެތީވެ އެ ތަކެތި ބަލައިނުގަތުމަށެވެ.

އޮޑިޓް އޮފީހުން ބުނީ ދުބާއީ ކުންފުނިން ފޯރުކޮށްދޭން ޖެހޭ 75 ވެންޓިލޭޓަރުގެ ތެރެއިން 11 ވެންޓިލޭޓަރު ފިޔަވައި އެހެން އެއްވެސް ވެންޓިލޭޓަރެއް އޮޑިޓްކުރި ތާރީޚާ ހަމައަށް ހެލްތު މިނިސްޓްރީ އަށް ނުލިބެ އެވެ. އެކަމަކު މީގެތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރަށްވާ އިރު އެ ކުންފުންޏާ އެކު އެއްބަސްވީ ދިވެހި ކުންފުނިތައް މެދުވެރިވެ ހޯދަން އެއްބަސްވި އަގަށް ވުރެން ވެސް މާބޮޑުކޮށް ކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މުއާމަލާތުގައި އެހެން ފަރާތަކަށް ބޮޑު ތުހުމަތެއް!

އޮޑިޓުގައި ބުނީ ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތުމާ ގުޅޭ ގޮތުން ކޮށްފައި ހުރި މުއާމަލާތްތަކުގައި އެ ކުންފުނީގެ އިތުރުން އިމަޖެންސީ ހެލްތު ކެއާ ޓްރެއިނިން ސެންޓަރުގެ ނަމުގައި މުއާމަލާތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ފޮނުވާފައިވާ އިންވޮއިސްތަކުގައި ދެ ފަރާތުގެ ނަން އޮތް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އެކަމަކު މި ދެ ފަރާތުގެ އޮތް ގުޅުމެއް ލިޔެކިޔުންތަކުންނާއި އެއްބަސްވުންތަކުން ސާފު ނޫން ކަަމަށް ރިޕޯޓުގައިވެ އެވެ.

ގިނަ ބައެއްގެ އިހުމާލުތަކެއް ފާހަގަކޮށް، އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ދުބާއީ ކުންފުންޏަށް ދައުލަތުން މިހާ ބޮޑު ހޭދައެއް ކުރި ސަބަބު ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅިު އެޅުމަށެވެ.