ބްރޯޑްކޮމްގެ މެމްބަރު ޒީނާ ވަކިކުރުމުގެ މައްސަލަ އިއުލާންކޮށް، ކޮމެޓީއަށް ފޮނުވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު އެ ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ކޮމެޓީއަށް ފޮނުވައިފި އެވެ.


ޒީނާ ވަކި ކުރުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އޮތީ ނިންމައިފަ އެވެ. އެކަމަކު މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ މަސައްކަތް ކޮމެޓީއަކަށް ފެށޭނީ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެހެންވެ، މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޒީނާ ވަކި ކުރުމުގެ މައްސަލަ ޖަލްސާގައި އިއުލާން ކުރައްވައި، އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުއްވައިފަ އެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ކޮޮމެޓީން ފެށީ ގާނޫނީ ވާޖިބު އަދާ ނުކުރުމާއި ވަކި މީޑިއާތަކަކާ މެދު ކުރީގެ ސަރުކާރުގެ ދުވަސްވަރު ތަފާތުކޮށް އަމަލު ކުރި ކަމަށް ބުނެ އެ ކޮމިޝަންގައި ކުރިން ތިއްބެވި ގިނަ މެމްބަރުން ވަކިކުރަން ފާސް ކުރުމަށް ފަހު އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ އެކަން މަޖިލީހުން ފާސް ކުރުމުގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.