އޭސީސީގެ މެމްބަރުންނަށް ތުހުމަތުކޮށް ފުލުސް އޮފީހަށް މައްސަލައެއް

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމީ ޝިޔާމަށް ނާޖާއިޒު މަންފާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު، ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.


އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނީ، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އަމިއްލަ މަންފާ އަށް ޝިޔާމް ބޭނުންކުރެއްވި ކަމަށެވެ. ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ޚިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް ސިޓީގައިވެ އެވެ.

ޝިޔާމްގެ ބައްޕަ އެ ތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ދިރިއުޅުއްވި އެވެ.

ސިފައިން ލައްވައި އެގޮތަށް ޚިދުމަތް ހޯދުމަކީ މަގާމުގައި ނެތް ނަމަ އޭނާ އަށް ކުރެއްވޭނެ ނޫން ކަމެއް ކަމަށާއި ވީއައިޕީ ފެސިލިޓީ ބޭނުންކުރީ އެއްވެސް އުސޫލެއް ނެތި ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ އަމަލެއް ޝިޔާމް ހިންގަވާފައިވާ ކަން ސާބިތުކުރެވެން އޮތް އިރު ވެސް އޭސީސީން ނިންމީ ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެން ނުވާ މައްސަލައެއްގެ ގޮތުގައި ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.

އެ މައްސަލައިގައި ބުނީ، އެއީ ޝިޔާމަށް ނާޖާއިޒު މަންފާ ހޯދައިދިނުން ކަމަށާއި އެއީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ އަމަލެއް ކަމަށެވެ. އެހެންވެ، އެދިފައި ވަނީ އެ މައްސަލަ ތަހުގީގުކޮށްދޭށެވެ.

ޝިޔާމްގެ ބައްޕަ ވީއައިޕީ ފެސިލިޓީގައި ބެހެއްޓި މައްސަލަ ނިންމައި، އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުގައި، އޭނާ އެ ގޭގައި ދިރިއުޅުއްވުން ހަމަޖެހުނީ ޝިޔާމްގެ އެންގެވުމުގެ މަތިންނެވެ. އެ ކޮމިޝަނުން ބުނީ، އެ މައްސަަލަ ތަހުގީގުކޮށް ބެލިއިރު، ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަނށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިއުންތަކުން އެނގެ އެވެ.

އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.

ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް މައްސަލަ ފައިލްކުރިއިރު، ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީ ދޫކުރަމުން އަންނަ ގޮތް އިސްލާހުކުރަން އޭސީސީން ވަނީ ލަފާ ދީފަ އެވެ.