ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ މައްސަލަ ކޮމިޓީން ބަލައިދޭން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ނުދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުން ކޮމިޓީން ބަލައިދިނުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިއްޔެ ހުށަހަޅުއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ސައީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ މައްސަލައިގައި އިމްރާނަށް ސުވާލު ކުރެއްވުމުން އެކަމަށް ޖަވާބެއް ނުދެއްވި ކަމަށެވެ.

އެހެންވެ، ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީގެން އުޅޭ މައްސަލަ މަޖިލީހުގެ ކޮމިޓީން ބަލައިދިނުމަށް އެދިވަޑައިގެންފައި ވެ އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާޗުއަލްކޮށް އިމްރާން ބައިވެރިވެވަޑައިގަތީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މައްސަލައާ ގުޅޭގޮތުންނެވެ. އިމްރާންގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު އަދި ފުލުހުންގެ އިސް ދެ ބޭފުޅަކު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދުގެ ސިޓީގައި ވިދާޅުވީ، ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީލޯންޑަރިންގެ އިސްތިއުނާފު އަޑުއެހުން ވެސް ހައި ކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލަތަކުން ދިފާއުވެވަޑައިގަތުމަށް ބޭނުންވާ އެންމެ މުހިއްމު ވަސީލަތަކީ ގާނޫނީ ވަކީލުންގެ ހައްގު ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ އަމުރާ ވެސް ހިލާފުވެ، ވަކީލުންގެ ބައްދަލުވުމަށް ހުރަސް އަޅާފައި ކަމަށް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"އެހެންކަމުން ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމް ކުރުމަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމުގައި ދެކެމެވެ،"---ސައީދު

"އޮގަސްޓް 17، 2020 ވީ ހޯމަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުން ވެސް ކަރެކްޝަނަލް ސާވިސް އިން މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުއްދަ ނުދިން ކަމުގައި ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންއާ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެއް ނުވެ އެވެ،" ސިޓީގައި ވެ އެވެ.

ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންނާއި ގައިދީން ޖަލުތަކަށް ގެންގޮސްދިނުމާއި އެ މީހުންނަށް ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސައިދޭ ކަމެއްކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތު ދިނުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އެކަން ފަހިކޮށްދޭ ދެ މުއައްސަސާގެ އިސްވެރިއަކަށް ހުންނެވީ އިމްރާނަށް ވިއަސް ދައުލަތުގެ މައްޗަށް ކޯޓުން ކުރި އަމުރާ ވެސް ހިލާފަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ހަމަޖައްސައި ނުދެއްވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެހެންކަމުން ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމް ކުރުމަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމުގައި ދެކެމެވެ،" ސިޓީގައި ވެ އެވެ.

"ވީމާ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދެއްވައިގެން އުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބައްލަވައިދެއްވުމަށް އެދި ދަންނަވަމެވެ."

މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތައް އިމްރާން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުނުކުރެވި އޮތީ ވަކީލުން ބޭނުން ނުވާތީ ކަމަށެވެ.