ޑރ. މައުސޫމް އަލުން ވަޒީރުކަމަށް އައްޔަންކޮށް ހުވާކުރައްވައިފި

ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުންޏެއްގެ މަގާމެއްގައި ހުންނެވުމުން އުފެދުނު ސުވާލުތަކާ ހެދި އޭނާ އިއްޔެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.


މައުސޫމް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވި މައްސަލަ ބޮޑުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ނިންމީ އޭނާ އަލުން ހުވާކުރަން ލަފާ ދެއްވާށެވެ.

އެނގިފައިވާ ގޮތުގައި، މައުސޫމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ އެކު އަލުން ވަޒީފާ ދެއްވައި ރައީސް އޮފީހުން ވަނީ އޭނާ އަށް ލިއުން ދެއްވައިފަ އެވެ. އަދި މަގާމުގެ ހުވާ ވެސް ވަނީ އަލުން ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު، މިކަން މިއަދު ކަށަވަރުކޮށްދެއްވި އެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރި އިރު އެނގިފައިވާ ގޮތުގައި އޭނާ ބައިވެރިވެވަޑައިގެން އުޅުއްވި ވިޔަފާރިއަކުން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ފަހުންނެވެ. އެކަމާ މަޝްވަރާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ އެކަމުގައި މާބޮޑު ގޯހެއް ނެތް ކަމަށާއި ނަމަވެސް އެކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރުމުން އެއްވެސް ޝައްކެއް ނުބޭއްވުމަށް އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް މިނިސްޓަރުކަަމަށް ހަމަޖައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށް ފަތްކޮޅު ދެއްވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކުރިން ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މައުސޫމް އެންމެ ފަހުން ފުރުއްވީ ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ.

ޑރ. މައުސޫމް ވަނީ ހޮޓެލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ. އޭނާ ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވުމަށް ފުރާވަޑައިގަތުމާ ހަމައަށް ހުންނެވީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް(އެފްއެޗްޓީއެސް)ގެ ސީނިއާ ލެކްޗާ އަކަށެވެ. އޭނާ ފުރުއްވި މަގާމްތަކުގެ ތެރޭގައި، އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެމްބަރު ކަމުގެ މަގާމުގެ އިތުރުން ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމްތައް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. އޭނާ މަގާމުން ވަކި ކުރެއްވީ ޖިންސީ ގޯނާގެ ތުހުމަތެއްގަ އެވެ. އެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ.